31 Aug 2014, 11:02
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖާ އިތުރު ފަރުވާ އަށް ސްރީލަންކާ އަށް ފޮނުވާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ އުމުރުން 15 އަހަރުގެ ކުއްޖަކަށެވެ. އެ ކުއްޖާއަކީ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އެތަނުން އެއް ސައިކަލުގެ ފަހަތުގައި އިން ކުއްޖެކެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެ ކުއްޖާ އަށް އިތުރު ފަރުވާ އަށް ލަންކާ އަށް ފުރުވާލީ ޖެހިގެން އައި ދުވަހު ކަމަށެވެ. އަދި ފޮނުވާލި އިރު ވެސް 15 އަހަރުގެ ކުއްޖާ ހާލު "ކްރިޓިކަލް" ކަމަށް ޒީނަތު ވިދާޅުވި އެވެ.
"ފޮނުވާލި އިރު ވެސް އެ ކުއްޖާ ވަރަށް ކްރިޓިކަލް. ހެޑް އިންޖަރީއެއް ކަމަށް ޑޮކްޓަރުން ވިދާޅުވަނީ،" ޒީނަތު ވިދާޅުވި އެވެ.
ހުޅުމާލެ ނިރޮޅު މަގުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ މަގުގެ އެއްކައިރީގައި މަޑުކޮށްގެން އިން ސައިކަލެއް ދުއްވާލި ވަގުތު އެ މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ހާދިސާ ހިނގުމާ އެކު ބާރު ސްޕީޑްގައި ދުއްވި ސައިކަލުގައި އިން މީހާ ވަނީ ފިލާފަ އެވެ.