އިސްރާއީލުން ޣައްޒާއާ ދެކޮޅަށް 50 ދުވަސް ވަންދެން ހިންގި އުދުވާން އެމުއްދަތަށް ދިގުލައިގެން ދިޔައީ ހަމާސްގެ ސަބަބުން ކަމަށް ޕެލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)ގެ ރައީސް މަހުމޫދު ޢައްބާސް (އަބޫ މާޒިން ) ވިދާޅުވެއްޖެ އެވެ.

ފަލަސްތީނު ޓީވީ މެދުވެރިކޮށް އައްބާސް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ސުލްހައިގެ ވާހަކަތައް އަލުން ފެށޭނީ އައްބާސް ހަމާސްއާ ދުރުވެވަޑައިގެންނެވުމުން ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނިކޮށެވެ.

"... ޝަހީދުވީ 2000 މީހުންނާއި ޒަޚަމްވީ 10،000 މީހުންނާ ހަލާކުވި 50،000 ގެ ސަލާމަތް ކުރެވެން އޮތް އަހަރެމެންނަށް. ހަމާސް އިން ބާރު އަޅަމުން ދިޔައީ ހަނގުރާމަ ހުއްޓައިލުމުގެ ކުރިން އެމީހުން ބޭނުންވާ ކަންތައްތަކަށް. އެކަމުންވީ ހަމަ އެކަނި ކަމަކީ ބޭކާރު ގޮތުގައި ހަނގުރާމަ ދިގުލައިގެން ދިއުން،" އައްބާސް ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުންޏެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އެންމެ ފަހުން ހިންގި އުދުވާން ފެށީ އިސްރާއީލުން ހިފައި، ކޮންކްރީޓް ފާރެއްލައި ބަންދުކޮށްފައިވާ ހުޅަނގު އައްސޭރީގައި ކޮންމެވެސް ބަޔަކު އިސްރާއީލުގެ ފުރާވަރުގެ ތިން ކުދިން މަރާލުމުންނެވެ. އިސްރާއީލުން އޭރު ތުހުމަތު ކުރީ އެކުދިން މަރައިލީ ހަމާސް އިން ކަމަށެވެ.

ހަނގުރާމަ ހުއްޓައިލުމަށް ހަމާސްއަށް ހުށަހެޅި ހުށަހެޅުންތައް އެޖަމާއަތުން ބަލައި ނުގަތީ ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރު ނައްތައިލުމަށް އިސްރާއީލުން އެއްބަސް ނުވުމުންނެވެ.