ޖިއްދާ (އޮގަސްޓް 31) : ގަލްފުގެ އެއްބާރުލުމާ ބެހޭ ކައުންސިލް (ޖީސީސީ)ގައި ހިމެނޭ ތިންގައުމު ކަމަށްވާ ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ބަޙްރައިން އިން އެކައުންސިލްގެ މެންބަރު ގައުމެއް ކަމަށްވާ ގަތަރާ ދެކޮޅަށް އަޅާފައިވާ ޑިޕްލޮމެޓިކް ފިޔަވަޅުތައް ނައްތާލުމަށް ޓަކައި ޖީސީސީގެ ޚާރިޖީ ވަޒީރުން ކުރެއްވި މަޝްވަރާތަކުން ނަތީޖާއެއް ނުކުމެފައިނުވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ޖީސީސީގެ ދާއިރާތަކާ ހަވާލާދީ ރޮއިޓާސް ބުނީ ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ބަހްރައިން އިން ގަތަރާ މެދު ކުރާ ޝައްކުތައް ފިލުވައިލުމަށާއި ދެ ފަރާތުގެ ދެމެދުގައިވާ ޚިލާފްތައް ނައްތާލުމާ ބެހޭ ގޮތުން އެ ޖަމާއަތުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ކުރި މަޝްވަރާތަކުން ކުޑަމިންވަރެއްގެ ކުރިއެރުމެއް ނޫނީ ޙާސިލްވެފައިނުވާ ކަމުގަ އެވެ. މިތިން ގައުމުން މި އަހަރުގެ ކުރީކޮޅު ގަތަރާ ދެކޮޅަށް ޑިޕްލޮމެޓިކް ގޮތުން ފިޔަވަޅު އަޅާފައި ވަނީ އަރަބި ގައުމުތަކުގައިވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ގަތަރުން އެހީތެރިވާ ކަމުގެ ތުހުމަތުގައި އެވެ.

ޑިޕްލޮމެޓިކް މިފިޔަވަޅުތަކުގެ ދަށުން ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ބަޙްރައިން އިން ވަނީ ގަތަރުގައި ތިއްބެވި އެ ތިން ގައުމުގެ ސަފީރުން އަނބުރައި ގެންގޮސްފަ އެވެ. ދެ ފަރާތުގެ ދެމެދުގައިވާ މިޚިލާފްތައް ނައްތާލުމަށް ޓަކައި މެދުވެރިއެއްގެބައި އަދާކުރެއްވި ކުވައިތުގެ ޚާރިޖީ ވަޒީރު އައްޝައިޚް ސަބާޙުލްޚާލިދުއްސަބާޙް ވިދާޅުވީ ދެފަރާތުގެ ދެމެދުގައިވާ ޚިލާފްތައް އަދި ނައްތާނުލެވޭ ކަމަށާ މިކަމަށް ޓަކައި ކުރެވުނު މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމުގަ އެވެ. (އަލްޖަޒީރާ)