31 Aug 2014, 09:55
ބަޣްދާދު (އޮގަސްޓް 31) : ޢިރާގުގައި ހަރަކާތްތެރިވާ އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ އައިއެސް ޖަމާއަތުގެ ޙިސާރުގެ ދަށުގައިވާ އިރާގުގެ ރަށެއްކަމަށްވާ އާމުރްލީ މިނިވަން ކުރުމަށް އިރާގު ސިފައިންނާއި ކުރުދީންގެ ބިޝްމަރްގާ ހަނގުރާމަވެރިން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ކުރިޔަށްގެންދާ ކަމަށް ކުރުދީންގެ އަސްކަރީ ދާއިރާތަކުންންނާއި އިރާގު ސިފައިން ހާމަކޮށްފި އެވެ.
ކުރުދީންގެ ޢަސްކަރީ ދާއިރާތައް ބުނާ ގޮތުން މިއޮޕަރޭޝަންގައި އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން ގެންދަނީ އުތުރާއި ދެކުނާ އަދި އިރުމައްޗާއި ހުޅަނގުން އާމުރްލީ ވަށާލުމަށް ޓަކައި އެރަށާ ދިމާ އަށް ވަރަށް ބާރަށް ކުރިއަރަމުންނެވެ. އިރާގު ސިފައިންގެ ކޮމާންޑަރަކު ވިދާޅުވީ އައިއެސްގެ ހަނގުރާމަވެރިން ވަނީ އާމުރްލީ އަށްދާ މަގުތަކާއި އެރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގެ ބިމު އަޑީގައި ދަންތުރަތައް ހަދައި އެތައް ހާސް މައިނެއް ވަޅުލާފައި ކަމަށާއި މިކަމުގެ ސަބަބުން އެރަށް ހިފުމަށާއި އެރަށުގެ އެތެރެއަށް ވަދެގަތުމުގައި ނުރައްކާތަކެއް ހުރިކަމުގަ އެވެ.
އާމުރްލީ އަކީ އިރާގުގެ ބައިމަދު ޖަމާއަތެއް ކަމަށްވާ ތުރުކުމާނުން ދިރިއުޅޭ ރަށެކެވެ. މީގެ ދެމަސްކުރިން އައިއެސް ޖަމާއަތުން އެރަށް ހިފައި އެރަށާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތަކާ ގުޅިގެން އެރަށުގައި ދިރިއުޅޭ ތުރުކުމާން ދަރިކޮޅުގެ މީހުން ކާބޯތަކެއްޗާއި ފެނަށްޖެހި އެމީހުން ހައިހޫނުކަން ތަޙައްމަލް ކުރަމުންގެންދާ ކަމަށް އދ. ން ބުނެ އެވެ. އިރާގުގެ މަސްއޫލުވެރިއަކު ވިދާޅުވީ އާމުރްލީގައި ތުރުކުމާން ދަރިކޮޅުގެ 15 ހާސްމީހުން ދިރިއުޅެމުން ގެންދާކަމަށާއި އެ ރަށުން އައިއެސްގެ ހަނގުރާމަވެރިން ފައްސާނުލެވިއްޖެ ނަމަ މި 15 ހާސް މީހުންގެ ފުރާނަ ސަލާމަތް ވުމުގެ އެއްވެސް ފުރްސަތެއް ނެތްކަމުގަ އެވެ.
އެމެރިކާ ގެންދަނީ އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން ގުޅިގެން އައިއެސް އާ ދެކޮޅަށް ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަން ކާމިޔާބު ކުރުމަށް ބޭނުންވާ ވައިގެ ހަމަލާތައްދެމުންނެވެ. މިގޮތުން އާމުރްލީއާ ކައިރީގައިވާ އައިއެސްގެ އަސްކަރީ މަރުކަޒަކަށް އެމެރިކާގެ ވައިގެ ބާރުތަކުން އިއްޔެ ބޮންއެޅުމުގެ ސަބަބުން އައިއެސްގެ 40 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށާ އާމުރްލީގެ ކައިރީގައިވާ އައިއެސްގެ އަމާޒުތަކަށް އިރާގުގެ އަސްކަރީ މަތިންދާބޯޓުތަކުން ވެސް އިއްޔެ ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށް އިރާގު ސިފައިން ގެ ބަޔާނެއްބުނެ އެވެ. އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން ދާދިފަހުން ވަނީ އެމެރިކާގެ ވައިގެ އެހީތެރިކަމާ އެކު މޫސަލްގެ ޑޭމް އާއި އެސަރަހައްދުން ވެސް އައިއެސްގެ ހަނގުރާމަވެރިން ފައްސާލައި އެސަރަހައްދު މިނިވަންކޮށްފަ އެވެ.
ތަކްފީރީ ވިސްނުމުގެ ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުގެ ސޫރިޔާގެ ގޮފިން ވަނީ އެޖަމާއަތުގެ އަތްދަށުގައި ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ހައްޔަރުވި ސޫރިޔާ ސިފައިންގެ 250 މީހުންގެ އަތްފައި ބަނދެ ހުސްގަޔާ މަގުމަތީގައި ގަންހިންގުމަށް ފަހު އެމީހުންގެ ގަޔަށް ބަޑިޖަހައި މެރިކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. މިބަޔާނާ އެކު މިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މި 250 މީހުންގެ ގަޔަށް ބަޑިޖަހައި މަރާ މަންޒަރު ދައްކައިދޭ ވީޑިޔޯއެއް ވެސް އައިއެސް ޖަމާއަތުން އިންޓަނެޓްގައި ޝާއިޢު ކޮށްފައިވެ އެވެ. (އަލްޖަޒީރާ)