31 Aug 2014, 09:46
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެސް)ގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ގ. ނީނަވާ، ހުޔަމް އަބްދުﷲ ރަޝީދު ހޮވިއްޖެ އެވެ.
ދަރުބާރުގޭގައި ރޭ އޮތް ވީއައިއެސްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ހުޔަމްއަށް ރައީސުލްޖުމްހޫރިއްޔާ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ވީއައިއެސްގެ ފައުންޑާ ގާސިމް އިބްރާހިމާއި ވީއައިއެސް އިން ހުށަހެޅި އިނާމުތައް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.
ވީއައެސްގެ ޕްރިފެކްޓުކަން އަދާކުރި އަދި މިދިޔަ އަހަރުގެ އޯލެވެލް ގަދަ ދިހައެއްގެ އެއްވަނާގައި ހިމެނުނު ހުޔަމް އަންނަ އަހަރު މެޑިސިން ކިޔެވުމުގެ އުއްމީދުގައި ހުރި އިރު، ކުރިއަށްދާން ބޭނުންވަނީ ވެސް އެ ދާއިރާއިންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވީ، ސްކޫލް ތައުލީމު ފެންވަރު ރަނގަޅުވެ ކުރިއަރަމުން އަންނަކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެކަން މިދިޔަ އަހަރުގެ ސްކޫލް ނިންމި އިމްތިހާނުގެ ނަތީޖާ އިން ފެނުނު ކަމަށެވެ.
އެގޮތުން، މިދިޔަ އަހަރުގެ ސްކޫލް ނިންމި އިމްތިހާނުން ފަސް މާއްދާއިން ފާސްވި ކުދިންގެ ޕަސެންޓަކީ 43 ކަމަށާއި އެއީ އޭގެ ކުރީ އަހަރާއަޅާބަލާ އިރު 11 ޕަސެންޓް އިތުރު އަދަދެއް ކަމަށް ނަޒީރު ފާހަގަކުރެއްވި އެވެ.
ތައުލީމީ އާ މަންހަޖު އަންނަ އަހަރު ތަންފީޒުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ، އާ މަންހަޖު ތަންފީޒު ކުރެވިގެންދާ އިރު މަސައްކަތުގެ ހުނަރު އަށަގެންނެވުމުގެ ކޯސްތައް މުޅި ރާއްޖޭގައި ތައާރަފްކުރެވި ހިންގޭނެ ކަމަށެވެ.
"ސްކޫލްތަކުން ނުކުންނަ ކޮންމެ ކުއްޖަކީ ވެސް ބައިނަލްއަގްވާމީ މައިދާނަށް ފެތޭ ކުއްޖަކަށް ހަދަންއެބަޖެހޭ. މަސައްކަތުގެ ކޮންމެ ވެސް ހުނަރެއް ދަސްވެފައިވާ ކެރޭ ކުއްޖަކަށް ހަދަން ޖެހޭ. އެގޮތުން މަސައްކަތުގެ ހުނަރު އަށަގެންނެވުމުގެ ކޯސްތައް ތައާރަފްކުރެވި ކުދިންނަށް ފުރުސަތު ހުޅުވާލެވިފައިވާ އިރު، ގައުމީ މަންހަޖު ތަންފީޒު ކުރެވިގެންދާއިރު އެ ފުރުސަތު މުޅި ރާއްޖެއަށް ތައާރަފްވެގެންދާނެ،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ، ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ދުނިޔެ އަށް އަށް އައި ބޮޑެތި ބަދަލުތަކުގެ އަސަރު ރާއްޖެ އަށް ވެސް ކޮށްފައިވާ އިރު، ދަރިވަރުން ވެސް ހެދިބޮޑުވަމުން އައިިރު، ނަފްސަށް ޝަހްޝިއްޔަތަށް ބަދަލުތަކެއް އައިސް، ވިސްނުން އިހުނަށްވުރެ ތަރައްގީވެފައިވާ ކަމަށެވެ.
އެގޮތުން އެކުދިންނަށް މުހިއްމު ކަންތައްތަކެއް ދަސްކޮށްދޭންޖެހޭ އިރު، ދަރިވަރުންނަށް އެހެން މީހުންނަށް އިހްތިރާމް ކުރުމަށާއި އެހެން ސަގާފަތްތަކުގެ މީހުންނާ ގުޅިގެން އުޅުމުގެ އާދަ ދަސްކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވީއައިއެސް އިން މިދިޔަ އަހަރު 151 ދަރިވަރަކު ޕްރައިޒް ވިނާސް ހޯދާފައިވާ އިރު، ރާއްޖޭގެ ގަދަ 10ގައި 10 ދަރިވަރަކު ހިމެނިފައިވެ އެވެ. އަދި ވީއައިއެސްގެ ގަދަ 10 ގައި 16 ދަރިވަރަކު ހިމެނުނު އިރު، އިތުރު ހަރަކާތްތަކުން 13 ދަރިވަރަކަށް ވަނީ މިރޭގެ ރަސްމިއްޔާތުގައި އިނާމު ލިބިފައި އެވެ.