މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުރަތަމަ ހަތް މަސްދުވަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ މިންވަރު މިދިޔަ އަހަރުގެ އެމުއްދަތައް ވުރެ 11.8 ޕަސެންޓް އިތުރުވެއްޖެ އެވެ.

ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެމިންވަރު ހުރީ 11.5 ޕަސެންޓަށްވުރެ މަތީގައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް 701,704 ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވެއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ 627,639 ޓޫރިސްޓުންނެވެ. އެހެންކަމުން އެއީ 11.8 ޕަސެންޓްގެ އިތުރުވުމެކެވެ.

ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވާ ސަރަހައްދަކީ އޭޝިއާއެވެ. އެއީ 340,901 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.9 ޕަސެންޓް އިތުރުވުމެކެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ޔޫރަޕް ސަރަހައްދުން 313,115 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު އެއީ 1.4 ޕަސެންޓްގެ އިތުރުވުމެކެވެ. ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އައީ ޔޫރަޕް ސަރަހައްދުންނެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާއިން ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި 214,518 ޒިޔާރަތްކޮށްފައި ވާއިރު ޖުލައި މަހު އެކަނި ވެސް 43,269 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ. މިއީ އިތުރު އަދަދެކެވެ.

ޖޫން މަހު އެކަނި ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 100,191 އަށް އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ އެ މަހު ރާއްޖެ ޒިޔާރަތްކުރި 87,972 ޓޫރިސްޓުންނަށް ވުރެ 13.9 ޕަސެންޓް އިތުރު އަދަދެކެވެ.