މެޗުގެ ފުރަތަމަ މިނިޓާއި ފަހު މިނިޓްގައި ޑިއެގޯ ކޮސްޓާ ޖަހައިދިން ދެ ލަނޑާއެކު 3-6 ލަނޑުން އެވަޓަން އަތުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައަށް ޗެލްސީ ޖެހިލައިފި އެވެ.

ގުޑިސަން ޕާކުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ކޮސްޓާ ކާމިޔާބުކުރީ މެޗު ފެށިގެން 34 ވަނަ ސިކުންތުގައެވެ. އަދި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 90 ވަނަ މިނިޓުގައެވެ.

ކޮސްޓާ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން ޗެލްސީގެ ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ބްރަނިސްލަވް އިވަނޮވިޗް އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ލަނޑެއް ޖަހައި ކެވިން މިރަލަސް ވަނީ އެވަޓަންއަށް ނަތީޖާ ހަނިކޮށްދީފައެވެ.

ޗެލްސީގެ އާ އެޓޭކިން ޕާފޮމެންސް ފެނިގެން ދިޔަ މެޗުގެ ދެވަނަ ހާފުގައި 11 މިނިޓް ތެރޭގައި އެޓީމުން ވަނީ އެވަޓަންގެ ގޯލަށް ތިން ލަނޑު ޖަހައިފައެވެ. ހަމަ އެހެންމެ އެވަޓަންއިން ވެސް ވަނީ ހަތް މިނިޓްގެ ތެރޭގައި ޗެލްސީ ގޯލަށް ދެ ލަނޑު ޖަހައިފައެވެ.

މެޗުގެ 67 ވަނަ މިނިޓްގައި އެޑިން ހަޒާޑް ފޮނުވާލި ބޯޅައެއް ސީމަސް ކޯލްމަން އަތުން ބައިކޮޅަށް ވަދެ އެވަޓަން ހާސްކަމުގެ ތެރެއަށް ދިޔަނަމަވެސް އޭގެ ދެ މިނިޓް ފަހުން ސްޓީވަން ނެއިސްމިތު ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-3 އަށް ބަދަލުކޮށްފައެވެ.

ޗެލްސީގެ ހަތަރު ވަނަ ލަނޑު 74 ވަނަ މިނިޓްގައި ޖަހައި ދިނީ ނަމެންޔާ މަޓިޗްއެވެ. އެހެން ނަމަވެސް އެޓީމުގެ ކުރީގެ ފޯވާޑް ސަމުއެލް އެޓޫ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެވަޓަންއަށް ކުޅެން އަރައި ފުރަތަމަ ލިބުނު ބޯޅަ ބޮލުން ޖަހައި ޗެލްސީ ގޯލްތެރެއަށް ފޮނުވާލައިގެން 76 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ 3-4 ލަނޑަށް ބަދަލުކޮށްފައެވެ.

ޗެލްސީގެ ފަސް ވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށް ދިނީ، ބްރެޒިލް މިޑްފީލްޑަރު ރެމިރޭޒް އެވެ.

ޑިއެގޯ ކޮސްޓާ ޗެލްސީއަށް މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ލަނޑު ޖަހާފައިވާއިރު، އެޓީމާ މިފަހަރު ގުޅުނު ބާސެލޯނާ އަދި އާސެނަލްގެ ކުރީގެ ތަރި ސެސް ފަބްރެގާސް ވަނީ ލީގުގައި ޗެލްސީއަށް ހަތަރު ލަނޑެއް ކާމިޔާބުކުރުމުގައި "އެސިސްޓް"ކޮށްދީފައެވެ.

މި މެޗަކީ އިނގިރޭސި ޕްރިމިއާ ލީގު ތާރީހުގައި ހަތްވަނައަށް އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ފެނިގެންދިޔަ އެއް މެޗެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ، "ޑިފެންސިވް މިސްޓޭކް" ތަކެއްގެ ސަބަބުން ބައިކޮޅަށް ތިން ލަނޑު ވަނުމުން ހިތްހަމަ ނުޖެހޭ ކަމަށެވެ.

"އަހަރެން ފިޔަވައި، މި މެޗު ބަލަން ދަނޑަށް އައި މީހުންނާއި، ޓީވީ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެޗު ބަލި އެތަކެއް ހާސް ބަޔަކަށް މި މެޗަކީ ފައްކާ މެޗަކަށް ވެދާނެ. އަހަރެމެން މިފަދަ މެޗެއްގައި މިހާގިނަ ޑިފެންސިވް މިސްޓޭކް ހަދައިގެން ނުވާނެ. އަހަރެމެން އެބަ ބޭނުންވޭ ޑިފެންސް ވަރުގަދަކޮށް ޓީމެއްގެ ގޮތުގައި ހުރިހާ ދިމާއަކުން ވަރުގަދަ ކުރަން،" މޮރީނިއޯ ބުންޏެވެ.

ޗެލްސީގެ ކޯޗު ބުނީ ޑިފެންސް ފިޔަވައި އެޓީމުގެ ހުރިހާ ޑަޕާޓްމަންޓުތަކަކުން ވެސް ކުރިއެރުން ފެނިގެން ދިޔަ ކަމަށެވެ. އަދި ތިން މެޗަކީ އެއްޗެއް ނޫން ކަމަށާއި ލީގުގައި ބާކީ 35 މެޗު ކުޅެން އެބަ އޮތް ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

އެވަޓަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ، ބަލާލަން ކަމުދާ ކަހަލަ މެޗެއް ނަމަވެސް އޭނާގެ ނަޒަރުގައި މެޗުގެ ކުޅުން ފެށިގެން ދިޔައީ މާ "ސްލޯ"ކޮށް ކަމަށެވެ. އަދި ޗެލްސީގެ ކުރީގެ ދެ ތަރިން ކަމަށްވާ އެޓޫއާއި ރޮމެލޫ ލުކާކޫގެ ފަރާތުން ހިތްހަމަ ޖެހޭފަދަ ކުޅުމެއް ފެނިގެން ދިޔަ ކަމަށް ވެސް މާޓީނޭޒް ބުންޏެވެ.

މިރޭގެ ނަތީޖާއާއެކު ތާވަލުގެ އެއްވަނައި ގައި ޗެލްސީ އޮތްއިރު އެޓީމާ އެއްވަރަށް ޕޮއިންޓު ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ދެވަނައިގައި އޮތީ ސްވާންސީ ސިޓީ އެވެ. އަދި ހަ ޕޮއިންޓާއެކު ތިން ވަނައިގައި ޓޮޓެންހަމް އޮތްއިރު، ހަމަ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން މެނެޗެސްޓާ ސިޓީ އޮތީ ހަތަރު ވަނައިގަ އެވެ. މިރޭގެ ބައްޔާއެކު އެވަޓަން ވަނީ، ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު ތާވަލުގެ 16 ވަނައަށް ވެއްޓިފައެވެ.