30 Aug 2014, 23:58
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެޓީމުގެ އަމިއްލަ ދަނޑުގައި މިރޭ ސްޓޯކް ސިޓީއާ ވާދަކޮށް 1-0 ލަނޑުން ހައިރާންކުރުވަނިވި ގޮތަކަށް ބަލިވެއްޖެ އެވެ.
އިއްތިހާދު ސްޓޭޑިއަމަށް އެއްވެފައި ތިބި ސިޓީގެ އެތަކެއް ހާސް ސަޕޯޓަރުން ހަމަހިމޭންވެގެން ދިޔައީ ސްޓޯކްގެ ސެނެގާލް ފޯވާޑް މާމީ ބީރާން ދިޔޫފްގެ "އިންޑިވިޖުއަލް" ހުނަރު ފެނިގެން ދިޔަ ލަނޑާއެކު އެކު އެވެ.
މެޗުގެ 58 ވަނަ މިނިޓްގައި ފެނިގެން ދިޔަ އެލަނޑު މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ދިޔޫފް ސިޓީގެ ގޯލަށް ވައްދައިލީ ކައުންޓާ އެޓޭކްގައި ސްޓޯކްގެ ހާފްތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް ސިޓީގެ ގޯލް ކީޕަރު ޖޯ ހާޓް ކައިރިން ވެސް ބޯޅަ ކަޓުވާލުމަށް ފަހު އެވެ. ޔުނައިޓެޑްގައި ދިޔޫފް ހޭދަކުރި ތިން އަހަރުގެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ، ލޯނުއެއްބަސްވުމުގެ ދަށުން މޮލްޑޭއާއި ބްލެކްބާންގައެވެ.
މިއީ ސްޓޯކް ސިޓީން އިއްތިހާދު ސްޓޭޑިއަމްގައި މެންޗެސްޓާ ސިޓީގެ ގޯލަށް ވައްދައިލި ފުރަތަމަ ލަނޑެވެ. އަދި މީގެ ކުރިން މި ދެޓީމު އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ހަ މެޗުންވެސް ސްޓޯކް ވަނީ ބަލިވެފައެއެވެ.
ހަމަ ޔަގީގުންވެސް މި ނަތީޖާއަކީ ސިޓީން 2009 ވަނަ އަހަރު ބޭރުކޮށްލި އަދި މިހާރު ސްޓޯކްގެ ކޯޗު މާކް ހިއުސްއަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.
ސިޓީން ވަނީ، މުޅި މެޗުގައިހެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެހެން ނަމަވެސް ސިޓީއަށް ބޯލް ޕޮޒެޝަން 73 ޕަސެންޓުގައި ހިފަހައްޓައި 16 ވަރަކަށް ހަމަލާ ސްޓޯކްގެ ގޯލާ ދިމާއަށް ފޮނުވާލި ނަމަވެސް ގޯލަށް އަމާޒު ކުރެވުނީ އެންމެ ދެ ހަމަލާއެވެ.
މެޗަށްފަހު ސްޓޯކްގެ ކޯޗް މާކް ހިއުސް ބުނީ، އޭނާގެ ޓީމުން ވާނީ މެންޗެސްޓާ ސިޓީ ރަނގަޅަށް މާޔޫސްކޮށްލާފައި ކަމަށާއި، އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި ސީޒަންގައި އޭނާގެ އަމާޒަކީ ލީގުގެ ގަދަ 10 ޓީމުގެ ތެރޭގައި ހިމެނުން ކަމަށާއި އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން މި ޓީމާ ހަވާލުވި ފަހުން މީގެ ކުރިން ވެސް ވާނީ ސިޓީއާ ދެކޮޅަށް ހޯމް އަދި އަވޭގައި ތިން ފަހަރު ކުޅެފައި. އެމީހުންނަށް އަހަރެމެންނާ ދެކޮޅަށް ސްކޯ ކުރެވިފައި ވަނީ އެންމެ ފަހަރަކު،" މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ބުންޏެވެ.
ސިޓީގެ ކޯޗް މެނުއަލް ޕެލެގްރިނީ ބުނީ، ސްޓޯކް އަތުން ބަލިވެދާނޭ ކަމަށް އެއްގޮތަކަށް ވެސް ހީކުރެވިފައި ނެތްކަމަށާއި މި މެޗުން ބަލިވުމުން "ޝޮކެއް" ލިބުނު ކަމަށެވެ.
"... ފުޓްބޯޅައިގައި މިފަދަ ނަތީޖާތައް ބައެއްފަހަރު ނުކުންނާނެ. އަހަރެމެން ހުރިހާ ދިމާލަކުން ވެސް މަސައްކަތް ކުރިން. އެކަމަކު ތެދައް ބުނަންޏާ އަހަރެމެންނަށް ރަނގަޅު ފުރުސަތެއް އުފެއްދިފައެއް ނެތް. ހުރިހާ ތައުރީފެއް ހައްގީ ސްޓޯކަށް،" ޕެލެގްރިނީ ބުންޏެވެ.
މި ނަތީޖާއާ އެކު މެންޗެސްޓާ ސިޓީ އޮތީ ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. އަދި ސްޓޯކް ވަނީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައަށް ކުރިއަށް ޖެހިލައިފައެވެ.