ފްރާންސްގެ މޮނާކޯގައި ރޭ ބޭއްވި ޔުރޮޕާ ލީގުގެ ގުރުއަތުގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ސެވިއްޔާ އާއި ކުރީގެ ޗެމްޕިއަން ހޮލެންޑްގެ ފޭނޫޑް އެއް ގުރޫޕެއްގައި ލައްވައިލައިފި އެވެ.

މުބާރާތުގެ ގުރޫޕް "އޭ"ގައި ހިމެނެނީ ސްޕެއިންގެ ވިލަރެއާލް އާއި ޖަރުމަނުގެ ބޮރޫޝިޔާ މޮންގަލްބެޗް އާއި އެފްސީ ޒިއުރިކް އާއި އެޕޮލަން ލިމަސޮލް އެވެ. ގުރޫޕް "ބީ"ގައި ހިމެނެނީ އެފްސީ ކޯޕަންހޭގަން އާއި ކްލަބް ބާގްސް އާއި ޓޮރީނޯ އާއި އެޗްޖީކީ ހެލްސިންކީ އެވެ.

މިދިޔަ ސީޒަންގެ ކުއާޓާ ފައިނަލްގައި ވާދަކުރި ޓޮޓެންހަމް މިފަހަރު ހިމެނެނީ ގުރޫޕް "ސީ" ގައެވެ. އެ ގްރޫޕްގައި ހިމެނޭ އަނެއް ތިން ޓީމަކީ ތުރުކީގެ ބެސިކްޓާސްކް އާއި ޕާޓިޒަން ބްލަގްރޭޑް އާއި އަސްޓެރަސް ޓްރަޕޮލިސް އެވެ. ބެސިކްޓާސް އަކީ 2006 ވަނަ އަހަރު ޔުއެފާ ކަޕްގައި ޓޮޓެންހަމާ ވާދަކޮށް ބަލިވި ޓީމެކެވެ.

ސްކޮޓްލޭންޑްގެ ޗެމްޕިއަން ސެލްޓިކް ވާދަކުރާނީ ގްރޫޕް "ޑީ" ގައެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ސަލްޒްބާގް އާއި ޑައިނަމޯ ޒަބާގް އާއި ރޫމޭނިޔާގެ އެފްސީ އަސްޓްރާ އެވެ. މި މުބާރާތަށް ޖުމްލަ 48 ޓީމެށް ވަނީ ކޮލިފައި ވެފައެވެ.

މިމުބާރާތުގައި ނިސްބަތުން ވަރުގަދަ ގުރޫޕެއްގައި ލައްވާލީ އިނގިރޭސި ކުލަބް އެވަޓަން އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ފްރާންސްގެ ލިލް އާއި ވޮލްފްބާގް އާއި ކްރަސްނޮޑާ އެވެ.

ސެވިއްޔާ ވާދަކުރަން ޖެހޭނީ ފެނޫޑް އާއި ސްޓޭންޑަޑް ލީޖްއާއި ރެޖިކާއާ އެވެ. އިޓަލީގެ މަޝްހޫރު އިންޓަމިލާން ހިމެނެނީ ޑިނިޕްރޯ އާއި އެސްޓީ އެތިންއާއި ކިއުރަބާގްއާ އެއް ގުރޫޕެއްގައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ ޖުމްލަ 12 ގުރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް ސްޓޭޖްގެ މެޗުތަށް ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޕޯލެންޑްގެ ވާސޯގައި އަންނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު އެވެ.

މިސީޒަންގެ ޔުރޮޕާ ލީގުގެ ޗެމްޕިއަން އަންނަ އަހަރުގެ ޗެންޕިއަންސް ލީގަށް ކޮލިފައި ވާނެ އެވެ.