ޓެލްއަވީވު : އިސްރާއީލުގެ އެންމެ ބޮޑު އެއްޕާޓީކަމަށްވާ ލޭބަރޕާޓީގެ ރައީސް އިހޫދް ބަރާކް އެޕާޓީން އިސްތިއުފާދެއްވައި އާޕާޓީއެއް އެކުލަވާލައްވައިފިއެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު ކަމުގެ މަޤާމުގައި މިހާރުވެސް ހުންނެވި ބަރާކް އުފެއްދެވި އާޕާޓީގެ ނަމަކީ ހަޢްތަސްމާވޫތް އެވެ. މީގެމާނައަކީ އިސްތިޤްލާލެވެ. ލޭބަރޕާޓީން އިހޫދް ބަރާކް އިސްތިއުފާދެއްވި ސަބަބު ނޫސްކޮންފަރެންސެއްގައި އޭނާ ހާމަކުރައްވާނެ ކަމަށް އިސްރާއީލުގެ މީޑިޔާ ބުނެއެވެ. އިހޫދް ބަރާކާއެކު ލޭބަރޕާޓީއަށް ނިސްބަތްވާ ބަރުލަމާނުގެ ހަތަރު މެންބަރަކުވެސް ލޭބަރޕާޓީން އިސްތިއުފާދެއްވައި އޭނާ އަލަށް އުފެއްދެވި ޕާޓީއާ ގުޅިވަޑައިގެންނެވިއެވެ.

އިސްރާއީލުގެ ބަރުލަމާނުގައި ހިމެނޭ 120 ގޮނޑީގެ ތެރެއިން 71 ގޮނޑިއަކީ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫގެ ކޯލިޝަނަށް ނިސްބަތްވާ ގޮނޑިތަކެވެ. މީގެތެރޭގައި ލޭބަރޕާޓީގެ 13 ގޮނޑިވެސް ހިމެނެއެވެ. ލޭބަރޕާޓީއަކީ ވަރަށް ފަހަކާ ޖެހެންދެންވެސް އިސްރާއީލުގައި އެންމެ ބާރުގަދަ ޕާޓީއެވެ. ނަމަވެސް މިޕާޓީ މިހާރުވަނީ ވަރަށް ބޮޑަށް ނިކަމެތިވެ އިސްރާއީލުގެ ސިޔާސީ މަސްރަޙުގައި ބުރަދަން ކެނޑިފައެވެ.