30 Aug 2014, 21:25
ބްރިޓިޝް ޓްރާންސްފާ ރެކޯޑް މުގުރާލުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ރެއާލް މެޑްރިޑްގެ އާޖެންޓީނާ ތަރި އެންޖެލް ޑި މަރިއާ ގޮވައިގެން އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބާންލީއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.
ރެއާލް ދޫކޮށް 59.7 މިލިއަން ޕައުންޑަށް ޔުނައިޓެޑާ ގުޅުނު 26 އަހަރުގެ މިޑްފީލްޑަރު ވަނީ، ޕްރިމިއާ ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި މިރޭ ބާންލީއާ ދެކޮޅަށް 70 މިނިޓް ވަންދެން ކުޅެފައެވެ. މެޗުގެ ފުރަތަމަ 20 މިނިޓްގައި ޑި މަރިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ވަރުބަލިވުމުގެ ސަބަބުން ފަހުން އެ ކުޅުން ދެއްކިފައެއް ނުވެއެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ލުއިސް ވެން ހާލް ހަވާލުވެ ޕްރިމިއާ ލީގުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާ އިރު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.
ޕްރިމިއާ ލީގުގައި ބާންލީ މިހާތަނަށް 41 މެޗު ކުޅެފައިވާ އިރު މި މެޗަކީ އެޓީމް ކޮޅަށް ލަނޑެއް ނުވަދެ ނިންމާލެވުނު ފުރަތަމަ މެޗެވެ.
މިއަދުގެ މެޗުގައި ބާންލީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، ޔުނައިޓެޑްގެ ކޯޗަށް އިތުރު ނުތަނަވަސް ކަމެއް ލިބިގެން ދިޔައީ، މެޗުގެ 87 ވަނަ މިނިޓްގައި އެޓީމަށް ކުޅޭ ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ހުއާން މަޓާއަށް އަނިޔާވެގެން ދަނޑުން ބާލަން ޖެހުމުންނެވެ.
މެޗު ނިމުނުކަން އިއުލާނުކުރުމުގެ ގޮތުން ރެފްރީ ކަށިގަނޑު ފުމެލުމާއެކު ބާންލީ ސަޕޯޓަރުން އެމީހުންނަށް ޕޮއިންޓެއް ލިބުނުކަމުގެ ހިތްހަމަޖެހުން ފާޅުކުރި ނަމަވެސް ޔުނައިޓެޑް ސަޕޯޓަރުންގެ މޫނުމަތިން ފެނިގެން ގޮސްފައި ވަނީ "އަދިވެސް ހިތްހަމަޖެހޭ ފަދަ ކުޅުމެއް ނުދެއްކެއޭ" ބުނާފަދަ މާޔޫސީ ކުލަވަރެކެވެ.
މި ނަތީޖާއާ އެކު ލީގުގައި މެންޗެސްޓާ ޔުނައިޓެޑް މިފަހަރު ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ. އަދި ތިން މެޗުން ލިބުނު އެންމެ ޕޮއިންޓަކާ އެކު ބާންލީ އޮތީ ތާވަލުގެ ފުލުގައެވެ.
މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ވެން ހާލް ބުނީ، ނުވަ ޕޮއިންޓް ލިބެންޖެހޭ ހާލަތެއްގައި އެންމެ ދެ ޕޮއިންޓު ލިބުމުން މާޔޫސްވާ ކަމަށެވެ. އަދި މިރޭގެ މެޗުގައި ވަރުގަދަ ކުޅުމެއް އޭނާގެ ޓީމުން ދެއްކި ނަމަވެސް މޮޅު ނުވެވުން އެއީ ބޮޑު މައްސަލައެއް ކަމަށެވެ.
"އަހަރެމެން ރަނގަޅަށް ކުޅުނީ، ހާއްސަކޮށް ދެވަނަ ހާފުގައި. ކުރިއެރުންތަކެއް ލިބުނު ނަމަވެސް މޮޅުވާން އެބަ ޖެހޭ. މެންޗެސްޓާ ޔުނައިޓެޑް ކަހަލަ ބޮޑު ޓީމެއް މޮޅުވާން ޖެހޭ. ނުވަ ޕޮއިންޓު ލިބެންޖެހޭ ތަނެއްގައި ދެ ޕޮއިންޓު ލިބުމުން ވަރަށް ބޮޑަށް މާޔޫސްވި،" ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.
ބާންލީގެ ކޯޗު ޝޯން ޑައިޗް ބުނީ، ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކާ ދެކޮޅަށް އޭނާ ގެ ކުޅުންތެރީން ދެއްކި ކުޅުމަށް ތައުރީފު ހައްގު ކަމަށެވެ. އަދި ޓީމުގެ މާލީ ހާލަތު ހުރި ގޮތުން ރަނގަޅު ކުޅުންތެރިން ހޯދުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެމެންނަށް ޕޮއިންޓެއް ލިބުމުން ވަރަށް ހިތްހަމަ ޖެހިއްޖެ. އަދި މިއަދު ކުޅުންތެރިން ދެއްކި ކުޅުމުގެ ސަބަބުން މާބޮޑަށް ހިތްހަމަ ޖެހުނު،" ބާންލީގެ ކޯޗު ބުންޏެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީއަތުން 1-0 އިން ބަލިވެފައެވެ. އަދި ނިއުކާސަލްއާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗު 3-3 ލަނޑުން އެއްވަރުވީ އިރު، ކިއުޕީއާރު ވަނީ ސަންޑަލޭންޑް އަތުން 1-0 އިން މޮޅުވެފައެވެ. ވެސްޓްހޭމް އަތުން 3-1 ލަނޑުން ސައުތުހެމްޓަން މޮޅުވިއިރު، ވެސްޓްބްރޮމް އަތުން 3-0 ލަނޑުން މޮޅުވެ ސްވާންސީ ސިޓީ ވަނީ ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިފައެވެ.