30 Aug 2014, 20:55
ހަސަދަވެރިކަން ފެތުރިއްޖެ މުޖުތަމައުއެއް ކުރިއަރައިގެންނުދާނެ ކަމަށާއި އެހެންކަމުން ހަސަދަވެރިކަމުން ދުރުހެލިވުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައިފި އެވެ.
ތ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ރޭ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ހަސަދަވެރިކަން ފެތުރިއްޖެ ނަމަ ކުރިއަރައިގެން ދިޔުމުގެ ބަދަލުގައި އެގައުމެއް ހިތާމައިގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.
"ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ކުރިއެރުމުގައި ގައުމެއްގެ ތެރޭގައި ހަސަދަވެރިކަން ފެތުރިގެން ހިނގައްޖެ ކަމުގައިވާ ނަމަ، އެ ގައުމެއް ދާނީ ފަހަތަށް އެގައުމަށް ވެރިވާނީ ބަނަކަން އެގައުމަށް މެދުވެރިވާނީ ހިތާމަވެރިކަން،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ އާއިލާގެ ތެރޭގަ އާއި ރަހުމަތްތެރިންގެ ތެރޭގައި އެކަކަށް ކުރިއެރުމެއް ލިބިއްޖެ ނަމަ އެމީހަކަށް ނަފްތަރު ކުރުމުގެ ބަދަލުގައި އެމީހަކު ހޯދި ކާމިޔާބީ ހާސިލްކުރުމަށް މަސައްކަތް ކުރަންވީ ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ތިމާގެ އަމިއްލަ މަސައްކަތުން ލިބޭކުރިއެރުމަކީ އެއީ އެންމެ މުހިންމު ކަންތައް ކަމުގައި ދެކުމަށް ސްކޫލް ކުދިންނަށް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"މުޖުތަމައުއަކާއިގެން ކުރިއަށްދާ އިރު އެންމެ މުހިންމު ކަންތައްތަކަކީ ތައުލީމާ އެކީގައި ކުއްޖެއްގެ ގައިގައި އަށަގަންނަ ސިފަތައް. މިއަދު އެ ކުއްޖާ ވަކި ހިސާބަކަށް ދިޔުމަށް ޓަކައި ބޭނުންވާ ވެކްސިން ހުރިފަދައިން އިސްލާމީ ޝަރީއަތުގައި ވެސް އެ ކުއްޖާގެ ގައިގައި ހަރުލާންޖެހޭ ސިފަތަކެއް އެބަހުރި. އެގޮތުން އެންމެ މުހިންމު އެއްކަމަކީ ތިމާގެ އަމިއްލަ މަސައްކަތުން ކުރިއަރައިގެން ދިޔުމަށް މަސައްކަތް ކުރުން ތިމާކުރާ މަސައްކަތަކުން ތިމާއަށް ލިބޭ ކުރިއެރުމަކީ އެއީ އެންމެ މުހިންމު ކަމެއް ކަމުގައި ދެކުން،" ނައިބު ރައީސް ވިދާޅުވި އެވެ.