ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ "ނޫފަހި 25 ވަނަ ގައުމީ ކެރަމް މުބާރާތް 2014"ގެ ޕްރިމިއާ ޑިވިޝަންގެ ގައުމީ ކެރަމް ލީގު މެޗުތައް މިއަދު ފަށައިފި އެވެ.

މި އަހަރުގެ ގައުމީ ކެރަމް މުބާރާތް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ސްޕޮންސާ ކޮށްފައިވާ އިރު، މުބާރާތުގެ ފޯމެޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ކެރަމް އެސޯސިއޭޝަންގެ ރައީސް އަޙްމަދު މުބީން ވިދާޅުވީ، މިފަހަރުގެ ގައުމީ މުބާރާތަށް ގެނެވިފައިވާ އެންމެ ބޮޑު ބަދަލަކީ، ޕްރިމިއާ ޑިވިޝަން ނުވަތަ ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ވަކި އަދަދަކަށް މަދުކޮށް ޑިވިޝަނުން ރެލިގޭޝަންގެ އުސޫލުން ކުޅުންތެރިން ރެލިގޭޓްވުމާއި އަދި ޕްރޮމޯޓުވުމަށް ކަނޑައަޅާފައިވާ ބަދަލު ކަމަށެވެ.

"މިގެނެވުނު އައު ބަދަލާއި އެކު ޕްރިމިއާ ޑިވިޝަންގައި ހިމެނުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ސޯޅަ ފިރިހެން ކުޅުންތެރިންނާއި އަށް އަންހެން ކުޅުންތެރިން،" މުބީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕްރިމިއާ ޑިވިޝަންގައި ކުޅުމަށް ކޮލިފައިވެފައިވާ އަންހެން އަދި ފިރިހެން ކުޅުންތެރިންގެ މެދުގައި އެންމެން އެންމެންނާއި އެއް ރައުންޑް ކުޅޭ ގޮތަށް ކެރަމް ލީގުގެ ނަމުގައި ޖުމްލަ 276 މެޗު ހިނެމޭ ލީގެއް ކުޅެވޭނެ ކަމުގައެވެ.

"އެގޮތުން ލީގުގައި ކުޅެވޭ ހުރިހާ މެޗަކުން އެއްވަނަ ހޯދާ ކުޅުންތެރިއާ ކެރަމް ލީގުގެ ޗެމްޕިއަންގެ ގޮތުގައި ކަނޑައެޅޭނެ. އަދި ލީގުގައި ފިރިހެން ކުޅުންތެރިންގެ މެދުގައި ކުޅޭ މެޗުތަކުން އެއްވަނަ ހޯދާ ފިރިހެން ކުޅުންތެރިޔަކީ ފިރިހެން ސިންގަލްސް ޗެމްޕިއަންގެ ގޮތުގައި، ލީގުގެ އަންހެން ކުޅުންތެރިންގެ މެދުގައި ކުޅޭ މެޗުތަކުން އެއްވަނަ ހޯދާ އަންހެން ކުޅުންތެރިޔަކީ އަންހެން ސިންގަލްސް ޗެމްޕިއަންގެ ގޮތުގައި ކަނޑައެޅޭނެ،" އޭނާ ވިދާޅުވި އެވެ.

މުބީން ވިދާޅުވީ، ގައުމީ ކެރަމް މުބާރާތައް ގެނެވުނު ދެވަނަ ބަދަލެއްގެ ގޮތުގައި، ކެރަމް ލީގުގެ ދެ ޑިވިޝަންގައި ކުޅެވޭ މެޗުތަކުން ކޮންމެ ޑިވިޝަނެއްގެ ވެސް އެންމެ މަތީ ރޭންކު ހޯދާ ހަތަރު ކުޅުންތެރިންނަށް ގައުމީ ސިންގަލް ޗެމްޕިއަން ކަމަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

"ލީގުގެ ފިރިހެން ކުޅުންތެރިންގެ މެދުގައި ކުޅެވޭ މެޗުތަކުން އެންމެ މަތީ ރޭންކު ހޯދާ ހަތަރު ކުޅުންތެރިއަކަށް ގައުމީ ފިރިހެން ސިންގަލްސް ޗެމްޕިއަންކަމަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލެވޭނެ. އަދި ލީގުގެ އަންހެން ކުޅުންތެރިންގެ މެދުގައި ކުޅެވޭ މެޗުތަކުން އެންމެ މަތީ ރޭންކު ހޯދާ ހަތަރު ކުޅުންތެރިންނަށް ޤައުމީ އަންހެން ސިންގަލްސް ޗެމްޕިއަންކަމަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލެވޭނެ،" މުބީން ވިދާޅުވި އެވެ.

ގައުމީ މުބާރާތަށް އަލަށް ގެނެވުނު ބަދަލުތަކާއެކު ކެރަމް ލީގުގެ އެންމެ ދަށުން ރޭންކު ލިބޭ ދެ ފިރިހެން ކުޅުންތެރިންނާއި އެއް އަންހެން ކުޅުންތެރިއަކު އޮޓަމެޓިކުން ދެވަނަ ޑިވިޝަނަށް ރެލިގޭޓުވާގޮތަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ގައުމީ ކެރަމް ލީގުގެ މެޗުތައް ފަށާފައިވަނީ މިއަދު މެންދުރު 1:30ގައެވެ. އެގޮތުން ލީގުގެ މެޗުތަށް މިއަދު ހަވީރުވެސް ކުޅެފައިވާއިރު މިރޭވެސް ބައެއް މެޗުތަށް ކުޅޭނޭ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

"އަޅުގަނޑުމެން މިފަހަރު މުބާރާތް ރާވާފައިވާ ގޮތުން ލީގުގެ ގިނަ މެޗުތަށް ކުޅޭން ހަމަޖެހިފައި މިވަނީ، ހަފްތާ ބަންދާ ދިމާކޮށް،" މެޗުތައް ކުރިއަށްދާނޭ ގޮތުގެ މައުލޫމާތުދެއްވަމުން ކެރަމް އެސޯސިއޭޝަންގެ ރައީސް ވިދާޅުވި އެވެ.