30 Aug 2014, 17:10
ވިލާ ކޮލެޖުން އަލަށް ފެށި ޝަރީއާގެ މާސްޓާސް އަދި ޑިގްރީ ކޯހުންނާއި އާލީ ޗައިލްޑްހުޑް ޑިގްރީ ކޯހުން 71 ދަރިވަރަކު ދަސްވެނިވެއްޖެ އެވެ.
ވިލާ ކޮލެޖުގެ ކިޔުއައި ކެމްޕަހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވިލާ ކޮލެޖުން އަމިއްލަ އަށް ފަރުމާކޮށްގެން ހެދި އެ ތިން ކޯހުގެ ތެރެއިން މާސްޓާސް އޮފް ޝަރީއާ ކޯހުން 42 ދަރިވަރަކާއި ބެޗްލާސް އޮފް ޝަރީއާ އިން 23 ދަރިވަރަކު ދަސްވެނިވެފައިވެ އެވެ. އަދި ބެޗްލާ އޮފް އާލީ ޗައިލްޑްހުޑް ކޯސް ފުރިހަމަކޮށްގެން ހަ ދަރިވަރަކު ވަނީ ސެޓްފިކެޓް ހާސިލުކޮށްފަ އެވެ.
އެ ހުރިހާ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ފައުންޑާ ގާސިމް އިބްރާހިމެވެ.
މީގެ އިތުރުން، މިއަދުގެ ރަސްމިއްޔާތުގައި ކޯސްތަކުން އެންމެ މަތިން މާކްސް ހޯދައިގެން އެއްވަނަ އަށްދާ ދަރިވަރުންނަށް ގާސިމް ދެއްވާ "ގާސިމް އިބްރާހިމް އެވޯޑް ފޮ އެކްސެލެންސް" އާއި ކޮންމެ ކޯހެއްގެ ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށްދޭ ބުކް ޕްރައިޒް ވަނީ ހަވާލުކޮށްފަ އެވެ.
އެގޮތުން ގާސިމް އިބްރާހިމްގެ އެވޯޑް ހާސިލްކުރެއްވީ ބެޗްލާ އޮފް ޝަރީއާ ފުރިހަމަކުރެއްވި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ ކުރީގެ ރައީސް ޑރ. އަބްދުﷲ ވަހީދެވެ. އަދި ބުކް ޕްރައިޒް ވަނީ 34 ދަރިވަރަކު ހޯދައިފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ، ގައުމެއް ކުރިއަރާ ދިއުން ބިނާވެފައި އޮންނަ ހަމަހަމަ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރެވޭނީ މަތީފެންވަރަށް ކިޔަވައިގެން ތިބި ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންނާއި ގާނޫނު ހަދާ މީހުން ވެސް ތިބެގެން ކަމަށެވެ.
އެގޮތުން މިއަދު ވިލާ ކޮލެޖުން ޝަރީއާ ދާއިރާއިން ކޯސްތައް ފުރިހަމަ ކުރި ދަރިވަރުން ނުކުތުމުން މިގައުމުގެ ކުރިމަގު އުކާލާ ވަމުން އަންނާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.
ރެކްޓަރު ވިދާޅުވީ، މައިންބަފައިންގެ އެންމެ ބޮޑު އުއްމީދަކީ ދަރިވަރުންނަށް ކިޔަވައިދޭނެ ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ކަމަށާއި އެކަމަށްޓަކައި ވިލާ ކޮލެޖުން ޑިޕްލޮމާއިން ފެށިގެން ޑިގްރީގެ ފެންވަރަށް ޓީޗަރުން ތަމްރީން ކުރުމަށް ޕްރޮގްރާމްތައް ފަރުމާކުރެވި ހިންގަންފަށާފައިވާ ކަމަށެވެ.
ވިލާ ކޮލެޖުގައި އަލަށް ތައާރަފްކުރި މާސްޓާސް އިން ރިސާޗް ސްޓަޑީޒް ކޯހަށް އިޝާރާތްކުރައްވާ އަންވަރު ވިދާޅުވީ، އެ ކޯހަކީ އޮސްޓްރޭލިއާގެ ތަފާތު ޔުނިވާސިޓީ ތަކުން ގަބޫލުކޮށްފައިވާ ޕްރޮގްރާމެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގައި ވެސް ދިރާސާ ކޮށްހެދުމުގެ ސަގާފަތް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މެރިން ސައިންސާއި ދިވެހި ތާރީހާއި ސަގާފަތުގެ ޕްރޮގްރާމްތައް ފަރުމަކުރެވި ތައާރަފް ކުރެވޭނެ ކަމަށްވެސް ރެކްޓަރު ވިދާޅުވި އެވެ.
އެންމެ 20 ވަރަކަށް ކުދިންނާ އެކު ވުޖޫދަށްއައި ވިކޮލެޖުގައި މިއަދު 3000 އަށްވުރެ ގިނަ ކުދިން މަތީ ތައުލީމު ހާސިލުކުރަމުންދެ އެވެ. އަދި އަތޮޅުތަކުގައި އެ ކޮލެޖުގެ ހަތް ކެމްޕަހެއް ގާއިމްކޮށްފައިވާ އިރު، ސްރީލަންކާގައި ވެސް ވަނީ އެކޮލެޖުގެ ކެމްޕަހެއް ވަނީ ހުޅުވާފަ އެވެ.