ފުރަތަމަ ފަހަރަށް ސިވިލް ސާވީސް މުވައްޒަފުނަށް އަހަރީ ބޯނަސް ދީފި އެވެ.

މި މަހުގެ މުސާރައާ އެކު ސިވިލް ސާވީސް މުވައްޒަފުނަށް މިދިޔަ އަހަރުގެ އަަހަރީ ބޯނަސް ދީފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ސިވިލްސާވަންޓުން މަސައްކަތްކޮށްފައިވާ ފެންވަރަށް ބެލުމަށް ފަހުގަ އެވެ.

ބޯނަސް ލިބުނީ އޮފީސްތަކުން ސިވިލް ސާވީސް ކޮމިޝަނަށް ބޯނަސް ލިބޭނެ ކަމަށް ބުނެ ފޮނުވާފައިވާ މީހުނަށެވެ. އަދި މިދިޔަ ޖުލައި 10 ކުރިން ސިވިލް ސާވީސް ކޮމިޝަނަށް ނަން ފޮނުވާފައިނުވާ ނުވާ މީހަކަށް ވެސް ބޯނަސް ނުލިބޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

އަހަރީ ބޯނަސް ލިބެނީ މަސައްކަތުގެ ފެންވަރުބެލި މުއްދަތުގެ ތެރޭގައި 80 އިންސައްތަ އޮފީހަށް ނިކުމެފައިވާ މުވައްޒަފުންނަށެވެ. އަދި މަސައްކަތުގެ ފެންވަރުބެލި މުއްދަތުގެ ތެރޭގައި އޮފީހަށް ނާންގާއި މަސައްކަތަށް ނުނިކުމެ އެއްވެސް ދުވަހެއް އޮވެގެން ނުވާ އިރު ކުށެއްކޮށްގެން އެ މުއްދަތުގެ ތެރޭގައި އެއްވެސް ފިޔަވަޅެއް އަޅާފައިވާ މުވައްޒަފަކަށް ވެސް އަހަރީ ބޯނަސް ނުލިބެ އެވެ. ބޯނަސް ދިނުމަށް ޝަރުތުހަމަވާ މީހުންގެ މަސައްކަތްތައް ބެލުމަށް ފަހު 95 އިންސައްތަ ވުރެ ގިނަ މާކްސް ލިބޭ މީހަކަށް އެމީހެއްގެ އެއް މަހުގެ މުސާރަ އާއި އެއް ވަރަށް ބޯނަސް ގޮތުގައި ފައިސާ ލިބެ އެވެ. އަދި 85 އާއި 95 ދެމެދު އިންސައްތަ މާކްސް ލިބޭ މުވައްޒަފުންނަށް އެ މީހަކަށް ލިބޭ އާސާސީ މުސާރައިގެ ތިން ބައިކުޅަ ދެ ބައި ބޯނަސް ފައިސާ ގޮތުގައި ދީފައިވާ އިރު 84.9 އާއި 75 ދެމެދު އިންސައްތަ މާކްސް ލިބޭ މީހަކަށް އެ މީހެއްގެ އަސާސީ މުސާރައިގެ ތިން ބައިކުޅަ އެއްބައި ލިބެ އެވެ.

މުވައްޒަފުންގެ ފެންވަރު ބެލުމަށް ފަހު ދޭ ބޯނަސް ފައިސާއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ ފުރުސަތެއް ލިބޭނެ ކަމަށް ވެސް ސިވިލް ސާވީސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ހުށަހެޅޭ ޝަކުވާތައް ބަލާނީ ތިން މެމްބަރުންގެ މައްޗައް އެކުލެވޭ ކޮމެޓީއަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސިވިލް ސާވިސްގައި މަސައްކަތްކުރާ ސިވިލްސާވަންޓުގެ ތެރެއިން މަސައްކަތަށް ރަނގަޅު މީހުންނަށް އަހަރީ ބޯނަސް ދިނުމަށް ނިންމުމާއި ގުޅިގެން މިއަހަރުގެ ބަޖެޓްގައި އަހަރުގެ އަހަރީ ބޯނަސް ދިނުމަށް ފިނޭންސް މިނިސްޓްރީ އިން 40 މިލިއަން ރުފިޔާ އެ ކޮމިޝަނަށް ދީފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.