އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް 50 ދުވަސް ވަންދެން ހިންގި ވަރުގަދަ އުދުވާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ރާއްޖެ އިން އެއްކުރި ފައިސާގެ އަދަދު ބޮޑުވުމުން އެކަން ބައިނަލް އަގުވާމީ މީޑިއާގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.

ބައިނަލް އަގުވާމީ ބޮޑެތި ނޫސް އެޖެންސީތަކަށް ހަބަރު ވިއްކަމުން އަންނަ ފަރަންސޭސިވިލާތުގެ އޭޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ) އިން މިއަދު ވަނީ ޣައްޒާ އަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތަކުން ދެ މިލިޔަނެއްހާ ޑޮލަރު އެއްކޮށް، ހަދިޔާކުރި ހަބަރު ރިޕޯޓްކޮށްފަ އެވެ.

ހެލްޕްގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމިޓީގެ މީޑިއާ އޮފިޝަލް އަހުމަދު ޒާހިރު (ހިރިގާ)އާ ހަވާލާދީ އޭއެފްޕީގެ ހަބަރުގައި ބުނެފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އެއްކުރި 29.4 މިލިޔަން ރުފިޔާ ( 1.91 މިލިޔަން ޔޫއެސް ޑޮލަރު) ގަތަރުގެ ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ގަތަރުގެ ރެޑްކްރެސެންޓުން އެ ފައިސާ ހަރަދުކުރާނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާއާއި ބޯފެނާއި ބޭސްފަރުވާ ފޯރުކޮށްދިނުމަށް ކަމަށް ވެސް ހިރިގާއާ ހަވާލާދީ ބުނެފައިވެ އެވެ.

އޭއެފްޕީގެ ހަބަރުގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ ރާއްޖޭން އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓްކުރުމާއި އިސްރާއީލުގެ ޓުއަރިސްޓުންގެ ބަޔަކާ ދެކޮޅަށް ބަޔަކު ނުކުތް މައްސަލަ އެވެ.

ގަތަރު ރެޑް ކްރެސެންޓާ ހަވާލުކުރި ޖުމްލަ 29 މިލިޔަން ރުފިޔާގެ ތެރޭގައި ހިމެނެނީ މި މަހު 8 އަދި 9 ވަނަ ދުވަހު ބޭއްވި ޓެލެތޯނުން އެއްކުރި 23.16 މިލިއަން ރުފިޔާ އާއި ގާޒާ ފަންޑް މޯލްޑިވްސް އިން އެކުރި 6.3 މިލިއަން ރުފިޔާ އެވެ.

ރާއްޖޭން މިފަހަރު ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް އެއްކުރި ފައިސާ އަކީ ބަޔަކަށް ރާއްޖޭން އެހީތެރިވުމަށް ހިންގި ހަރަކާތެއްގައި މިހާތަނަށް އެއްކުރި އެންމެ ގިނަ ފައިސާ އެވެ. އަދި މިއީ ދުނިޔޭގެ ނިސްބަތުން ވެސް ރެކޯޑް މިންވަރެކެވެ. އެއީ ރާއްޖޭގެ ކޮންމެ ބޮލަކަށް ފަސް ޑޮލަރުގެ މިންވަރެވެ.