ތ. ހިރިލަންދޫގައި އައިސްޕްލާންޓެއް ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ގާއިމުކުރާ އައިސް ޕްލާންޓަށް ބޭނުންވާ ބިން ހިރިލަންދޫ ކައުންސިލުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. ކޫއްޑޫ އަށް ބިން ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިޔާތުގައި ކޫއްޑޫގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ޑިރެކްޓަރު އަބްދުﷲ އަހްމަދެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލްގެ ރައީސް އަބްދުﷲ ހަލީލް އެވެ.

ކޫއްޑޫ އިން ބުނީ ހިރިލަންދޫގައި އައިސްޕްލާންޓެއް ބެހެއްޓުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި ސަރުކާރުން ބޭނުން ވަނީ އަންނަ އަހަރުގެ ކުރީކޮޅުގައި އައިސްޕްލާންޓްގެ ހިދުމަތް ދޭން ފެށުން ކަމަށެވެ.

ހިރިލަންދޫއަކީ ކަޅުބިލަ މަހުގެ މަސްވެރިކަންކުރާ ނުވަ ދޯންޏާއި ފަރުމަހުގެ މަސްވެރިކަންކުރާ ގިނަ އަދެދެއްގެ ދޯނި ގެންގުޅޭ ރަށެކެވެ. އަދި އެ ރަށުގައި ފުޅާ ދާއިރާއެއްގައި މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރަމުންދެ އެވެ.

އޭގެ އިތުރުން ކޮލަމާފުށީގައި އާއި ދެއްވާދޫގަ އާއި އަދި ދާންދޫގައި ވެސް އައިސް ޕްލާންޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ފ. ނިލަދޫގައި އާއި ގދ. ފިޔޯރީގައި އާއި އަދި ގދ. ގައްދޫގައި އައިސްޕްލާންޓް އެޅުމަށް މިދިޔަ އަހަރު ފެށި މަޝްރޫއު ކުރިއަށްދާ ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.