ތޫނިސް : ތޫނިސްގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީ މިދިޔަ ހުކުރުދުވަހު ވެރިކަން ދޫކުރައްވައި ޤައުމުން ފިއްލަވައިގެން ވަޑައިގެންނެވިއިރު އޭނާގެ އަނބިކަނބަލުން ލައިލާ އައްތަރާބްލްސީ ޤައުމުގެ ޚާޒާނާއިން 1.5 ޓަނުގެ ރަން ނާޖާއިޒުގޮތުގައި ބޭރުކުރެއްވި ކަމަށް ޚަބަރު ލިބިއްޖެއެވެ. ތޫނިސްގައި މިއަދު ޝާއިޢުކުރެވުނު މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ބިންޢަލީގެ އަނބިކަނބަލުން ލައިލާ މި 1.5 ޓަނުގެ ރަން ޤައުމުން ވަގަށް ބޭރުކުރެއްވީ ނުވަތަ ސްމަގްލިން ކުރެއްވީ ބިންޢަލީއާއި އޭނާގެ ޢާއިލާ ތޫނިސްއިން ފިއްލަވައިގެން ސަޢޫދީ އަރަބިޔާއަށް ދަތުރު ކުރެއްވި ޚާއްސަ ޖެޓް ގައެވެ.

ބެންޢަލީގެ ވެރިކަން ވެއްޓޭނެކަމާއި ޤައުމުން ބޭރަށް ފިއްލެވުމުގެ ވަގުތު ޖެހިއްޖެކަން ކަށަވަރުވުމުން، ޤައުމުގެ ޚަޒާނާގައިވާ ރަނުގެ އެލޯއިތައް ހޯއްދެވުމަށް ލައިލާ ފުރަތަމަ ވަޑައިގެންނެވި ކަމަށްވަނީ ތޫނިސްގެ މަރުކަޒީ ބޭންކްގެ ގަވަރނަރގެ އަރިހަށެވެ. ނަަވެސް ޤައުމުގެ ޚަޒާނާއިން މިހާގިނަ ރަން ލައިލާއާ ޙަވާލުކުރުމަށް ގަވަރނަރ ދެކޮޅުހެއްދެވުމުން ލައިލާ ކޯފާވެގެން ގުޅުއްވިކަމަށްވަނީ ފިރިކަލުން ބިންޢަލީއަށެވެ. ބިންޢަލީވެސް ފުރަތަމަ މިކަމަށް ދެކޮޅުހެއްދެވުމުން އެދެމަފިރިންނާއި ޢާއިލާގެ ދިރިއުޅުމުގެ ޚަރަދުތަކަށްޓަކައި މިތަކެތި ސްމަގްލިންގ ކުރުމުގެ މުހިއްމުކަން ލައިލާ، ބިންޢަލީއަށް ވިސްނައިދެއްވީ ކަމަށްވެއެވެ. އެއަށްފަހު ސީދާ ބިންޢަލީގެ އަމުރުފުޅަށް ސެންޓްރަލް ބޭންކްގެ ގަވަރނަރ މިތަކެތި ދުކުރެއްވުމުން ލައިލާ އެކަމަނާގެ އެހީތެރިންގެ އެހީގައި މިއެލޯއިތައް ރިޔާސީ ޖެޓަށް އަރުވައިގެން ނާޖާއިޒު ގޮތުގައި މިރަންތައް ޤައުމުން ބޭރުކުރެއްވީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ލައިލާ ސްމަގްލިން ކުރެއްވި ރަނުގެ އެލޯއިތަކުގެ އަގު 60 މިލިޔަން އެމެރިކާ ޑޮލަރަށްވުރެވެސް މަތިކަމަށް ޚަބަރުލިބެއެވެ.
ވެރިކަން ދޫކޮށްލެއްވުމަށްފަހު މިދިޔަ ހުކުރުދުވަހު ބިންޢަލީ ކުއްލި ގޮތެއްގައި ޤައުމުން ފިލާވަޑައިގެންނެވީ އޭނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ފަށާފައިވާ އުތުރުއެރުން ކޮންޓްރޯލްނުވެ ވެރިކަން ވެއްޓި އަމިއްލަ ފުރާނަފުޅަށް ނުރައްކާވެދާނެކަމުގެ ބިރު ހީވެވަޑައިގެންނެވެ.

ބިންޢަލީގެ އަނިޔާވެރިކަމާ ދެކޮޅަށް ނުކުތް ޢާންމު ރައްޔިތުން މިހާރުވަނީ ލައިލާގެ ކޮއްކޯފުޅާއި ބިންޢަލީގެ ދެފަރާތުގެ ޢާއިލާގެ ބައެއް މީހުން މަރައި އެމީހުންގެ ގެދޮރުގައި ހުޅުޖެހުމުގެ ޢަމަލުތަކެއްވެސް ހިންގާފައެވެ. އަދި ތޫނިސްގެ ސިފައިންގެ ލަޝްކަރުތައް މިހާރުވަނީ ބިންޢަލީގެ ބައެއް އަޢުވާނުންނާއި އޭނާގެ އިސްއެހީތެރިން ހައްޔަރުކޮށް ބިންޢަލީގެ ޙިމާޔަތުގައި ތިބި ބާރުގަދަ ރިޔާސީ ގާޑުންނާ ހަނގުރާމަކޮށް އެމީހުން ބަލިކޮށް ސިފައިންގެ ކޮންޓްރޯލްގެ ދަށަށް އެމީހުން ގެނަސްފައެވެ.
ބިންޢަލީގެ ވެރިކަމާ ދެކޮޅަށް ތޫނިސްގެ ރައްޔިތުން ގެނައި މިއިންޤިލާބުގައި ސިފައިންގެ ލަޝްކަރުތައްވަނީ އެމީހުން ތިބީ ރައްޔިތުންގެ ފަޅީގައިކަން ވަރަށް ރަނގަޅަށް ހާމަކޮށްދީފައެވެ.