ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "އެކްސްޓްރަޑިޝަންގެ ބިލް" ގައި ރާއްޖޭގައި ތިބޭ ބޭރުގައުމުތަކުގެ ކުއްވެރިން އެގައުމުތަކަށް ގެންދެވޭނެ ހާލަތްތަކާއި އަދި އެފަދައިން ގެންދިޔުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ ވިދާޅުވީ ސަރުކާރުން އެބިލް ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ބޭރުގައުމުތަކުގެ ކުށްވެރިން "އެ ގައުމުތަކަށް ގެންދެވޭނެ ބާވަތުގެ ކުށްތައް" ކަނޑައެޅުމާއި އެއްގައުމުން އަނެއްގައުމަށް ގެންދެވޭ ކުއްވެރިން ރާއްޖޭގައި ޓްރާންޒިޓްކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ބޭރު ގައުމުތަކުން ރާއްޖެއަށް ގެނެވޭ ކުށްވެރިންނާ މެދު އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުން ހިމެނޭ ކަމަށެވެ.

އެގޮތުން އެއްގައުމުން އަނެއް ގައުމަށް ކުއްވެރިން ބަދަލު ކުރެވޭނީ އެމީހަކު ކޮށްފައިވާ ކުށަކަށް ދައުވާ އުފުލިފައިވާނަމަ އެކަމުގެ ޝަރީއަތް ހިންގުމަށާއި އެމީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފައި ވީނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހެއްނަމަ އެ އަދަބު ކަނޑައެޅުމަށްޓަކައެވެ. އަދި އެމީހެއްގެ މައްޗަށް ކުށް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހެއްކަމުގައި ވާނަމަ ހުކުމް ތަންފީޒު ކުރުމަށްޓަކައި ވެސް ކުއްވެރިން ބަދަލުކުރެވޭނެ ކަމަށް އެ ބިލްގައި ބުނެފައި ވެއެވެ.

އެ ބިލްގެ ދަށުން ދިވެހި ކުއްވެރިން ބޭރުގައުމުތަކަށް ނުގެންދެވޭނެ އެވެ. އެހެންނަމަވެސް އެކްޓްރަޑައިޓްކުރަން އެދި ހުށަހަޅާ ގައުމަކުން އެދިއްޖެ ހިނދެއްގައި، ރާއްޖޭގައި ދައުވާ އުފުލެން އޮތްނަމަ، އޭނާ އެކްސްޓްރަޑައިޓްކުރަން އެ ގައުމުން ބޭނުންވާ ކުށުގެ ދައުވާ އޭނާގެ މައްޗަށް ރާއްޖޭގައި އުފުލަންވާނެ ކަމަށް އެ ބިލްގައި ބަޔާންކޮށްފައި ވެއެވެ.

އެ ގާނޫނުގެ ދަށުން ކުއްވެރިން އެކްޓްރަޑައިޓް ކުރެވޭނެ ބާވަތުގެ ކުށަކީ، އެ ކުށަކީ އެ ކުއްވެރިއަކު އެކްޓްރަޑައިޓް ކުރުމަށް އެދޭ ގައުމުގެ ގާނުނުގެ ދަށުން އެ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށެވެ. އަދި އެ ކުށަކީ ރާއްޖޭގައި ކޮށްފައިވާ ކުށެއްނަމަ ރާއްޖޭގެ ގާނުނުގެ ދަށުން އެ އަމަލުން ފުރިހަމަވާ ކުށުގެ އަދަބެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ، ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ކަނޑައެޅިފައިވާ ބާވަތުގެ ކުށެވެ.

މުސްތަފާ ހުށަހެޅުއްވި ބިލްގައި ބުނެފައިވާ ގޮތުން އެ ގާނޫނުގެ ދަށުން ކުއްވެރިން އެކްޓްރަޑައިޑްނުކުރެވޭނެ ކުށަކީ އޭނާ ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ދައުވާ އުފުލިފައިވާ ކުށަކީ ސިޔާސީ ކުށެއް ކަމުގައިވުން، ނުވަތަ އެ ކުށަކީ ކުއްކުރަން މެދުވެރި އެންމެހައި ހަލަތްތަކަށްބަލާއިރު ސިޔާސީ ކުށެއް ކަމަށް ބެލެވިދާނެ ބާވަތުގެ ކުށެވެ.

އެ ގާނޫނުގެ ދަށުން ކުއްވެރިއަކު އެކްސްޓްރަޑައިޓްކުރެވޭނީ އޭނާ އެކްސްޓްރަޑައިޑްކުރަން އެދޭ ގައުމުން އެ ގާނުނުގެ ދަށުން ފޮރިންމިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ޕްރޮސިކިޔުޓާ ޖެނަރަލް ދޭ ހުއްދައެއްގެ ދަށުންނެނެވެ. އެގޮތުން އެނާ އެކްޓަރަޑައިޓްކުރެވޭނީ އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށުގެ ޝަރީއަތް ހިންގުމަށްޓަކައި، ނުވަތަ އޭނާއަކީ އޭނާގެ މައްޗަށް ކުށްސާބިތުވެ، ހުކުމްކޮށްފައިވާ، އެހެންނަމަވެސް އަދަބު ކަނޑައެޅިފައިނުވާ މީހެއްނަމަ އަދަބު ކަނޑައެޅުމަށްޓަކައި، ނުވަތަ އެމީހަކީ އެ މީހެއްގެ މައްޗަށް ކުއް ސާބިތުވެ ހުކުމްކޮށް، އަދަބު ކަނޑައެޅިފައިވާ މީހެއް ކަމުގައިވާނަމަ ހުކުމްތަންފީޒް ކުރުމަށްޓަކައެވެ.

އެކްސްޓްރަޑިޝަންގެ ބިލްގައި ބުނެފައިވާ ގޮތުން އެ ގާނުނުގެ ދަށުން ދިވެހިރާއްޖޭގައިވާ ކުއްވެރިއަކު އެކްސްޓްރަޑައިޓް ކުރުމަށްޓަކައި ހައްޔަރު ކުރެވޭނީ ޕްރޮސިކިޔުޓާ ޖެނަރަލްދޭ ހުއްދައެއްގެ ދަށުންނެވެ. ޖިނާއީ މައްސަލައަކާއި ގުޅިގެން ބޭރުގައުމަކުން ހޯދަމުން އަންނަ ކުއްވެރިއަކު ހުރީ ރާއްޖޭގައި ތޯ ބެލުމުގައި ނުވަތަ ކައިރި މުސްތަގުބަލެއްގައި އޭނާ ރާއްޖެ އަތުވެދާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި އެ ގައުމަކަށް ލިބިފައިވާނަމަ އޭނާ އެކްސްޓަޑައިޓް ކުރުމަށް އެދި އެ ގައުމަކުން ރަސްމީ ގޮތުން ހުށަހަޅަންދެން އޭނާ ހައްޔަރު ކޮށްފައި ބެހެއްޓުމަށް އެ ގައުމެއްގެ ސަރުކާރުގެ ކަމާބެހޭ ފަރާތް މެދުވެރިކޮށް ނުވަތަ އިންޓަޕޯލް މެދުވެރިކޮށް ނުވަތަ ދެ ގައުމުގެ ދެމެދުގައި ވެވިފައިވާ މުއާހަދާއެއްގެ ދަށުން އެފަދަ ހުށަހެޅުމެއް ހުށަހެޅިދާނެ ކަމަށް ވެސް އެ ބިލްގައި ވެއެވެ. އަދި އެ ގައުމަކުން ހުށަހަޅާ ވަގުތީ އަމުރު ނެރެދިނުމަށް ހުށަހަޅަނީ ޕްރޮސިކިޔުޓާ ޖެނަރަލަށް ކަމަށާއި އެ ވަގުތީ އަމުރު ނެރުމުގެ ބާރު އެ ގަނުނު މަތިކޮށްފައިވަނީ ހައިކޯޓަށެވެ.

މީގެއިތުރުން ކުއްވެރިން އެކްސްޓްރަޑައިޓް ކުރުމުގައި ދިވެހި ސަރުކާރުން އަމަލުކުރަންޖެހޭނެ ގޮތްތަކާއި ޕްރޮސިކިޔުޓާ ޖެނެރަލް ކުއްވެރިން އެކްސްޓްރަޑައިޓް ކުރުމަށް ހުއްދަ ދިނުމުގައި ބަލަން ޖެހޭނެ މިންގަނޑުތަކާއި ވަގުތީ އަމުރު ނެރުމުގައި ހައިކޯޓުން އަމަލުކުރަން ޖެހޭނެ ގޮތްތަކާއި މިނޫންވެސް އެއް ގައުމުން އަނެއް ގައުމަށް ކުއްވެރިން އެކްސްޓްރަޑައިޓް ކުރުމުގައި އަމަލުކުރަން ޖެހޭނެ އުސޫލްތައް އެ ބިލްގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރުގެ ފަރަތުން މުސްތަފާ ހުސަހެޅުއްވި އެކްސްޓްރެޑިޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ބަލައިގެންފައެވެ. އެ ބިލް މަޖިލީހަށް ބަލައިގެންފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. އަދި ބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.