30 Aug 2014, 13:20
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދިން ބަޖެޓަށް ވުރެ އިތުރަށް 3،520،689 ރުފިޔާ އެ ކޮމިޝަނުން ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ބުރާސްފަތި ދުވަހު ނެރުއްވާފައިވާ އޭސީސީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2013 ވަނަ އަހަރު ހަރަދުކުރުމަށް މަޖިލީހުން އޭސީސީ އަށް ފާސްކޮށްދެއްވި ބަޖެޓަށް ވުރެ އިތުރަށް ފިނޭންސް މިނިސްޓްރީ އިން 3،605،647 ރުފިޔާ އޭސީސީ އަށް ދޫކުރުމާ ގުޅިގެން މާޖިލީހުން އޭސީސީ އަށް ދިން ބަޖެޓަށް ވުރެ އިތުރަށް 3،520،689 ރުފިޔާ އެކޮމިޝަނުން ހަރަދުކޮށްފައިވާ ކަމަށެވެ.
"މައިގަނޑު ގޮތެއްގައި އޭސީސީ އިން 2013 ވަނަ އަހަރުގެ ހަރަދުތައް ކޮށްފައި ވަނީ އެ އަހަރަށް މަޖިލީހުން އެ ކޮމިޝަނަށް ފާސްކޮށްދެއްވި ބަޖެޓުގެ މަގްސަދުތައް ހާސިލްވާ ގޮތަށް އެބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް. ބަޖެޓްގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަކަށް މިއޮފީހުން ނުދެކެން،" އެއޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެ އޮފީސް ފޮޅައި ސާފުކުރުމުގެ ހިދުމަތް ހަވާލުކޮށްފައިވާ ފަރާތާ ވެފައިވާ އެއްބަސްވުން ހަމަވުމުން ވެސް އަނެއްކާ އެއްބަސްބުން ހަދާފައި ވަނީ އާންމުކޮށް އިއުލާންކޮށްގެން ލިބޭ އަންދާސީ ހިސާބު ހޯދުމަކާއި ނުލައި ކަމަށް ބުނެފައިވެ އެވެ.
އެކަންތައްތަކަށް އިހުމާލްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް އަންގަވާފައިވެ އެވެ.
އެ މައްސަލާގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އޮޑިޓާ ޖެނަރަލް އެ ފާހަގަކުރައްވާ ފައިސާއަކީ އުސޫލާ އެއްގޮތުގެ މަތިން ފިނޭންސް މިނިސްޓްރީ އިން ދީފައިވާ ފައިސާއެއް ކަމަށެވެ. ފިނޭންސް އިން އޭސީސީ އަށް ދިން ފައިސާއަކީ ހަރަދުކުރުމަށް މަޖިލީހުން ފާސްކޮށް އެ މިނިސްޓްރީގެ ބަޖެޓުގައި ހިމަނާފައިވާ ފައިސާއެއް ކަމަށް ލުތުފީ ވިދާލުވި އެވެ.
"ހުރިހާ ތަނަކަށް ވެސް މިދިޔަ އަހަރު ބަޖެޓް ލިބުނީ ވަރަށް ކުޑަކޮށް ދެކޮޅު ނުޖެހޭވަރަށް. އަޅުގަނޑުމެން ދެންނެވިން ބަޖެޓް ނުލިބިއްޖެ ނަމަ އޮފީސް ބަންދު ކުރަންށޭ ޖެހޭނީ. ހެން ދެންނެވީމާ ފިނޭންސް މިނިސްޓްރީ އިން ދެއްވި ބަޖެޓެއް އެޔަކީ. އެހެންކަމުން އެއީ ރަނގަޅު އުސޫލްގެ މަތިން ދިން ބަޖެޓެއް،" ލުތުފީ ވިދާޅުވި އެވެ.