30 Aug 2014, 13:19
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭ ކޮމާޝަލް ހާބަރުގައި ރޭ އަޑިއަށް ދިޔަ ދޯނި މިހާރު ތިލަކޮށްފި އެވެ.
އެމްޕީއެލްގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު އާތިފު މިއަދު ސަން އަށް ވިދާޅުވީ މުދާ ބަރުކުރަމުން އަންނަނިކޮށް، ރޭ ދަންވަރު 1.30ގައި އަޑިއަށް ދިޔަ ދޯނި މިހާރު ތިލަކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދޯނި ލިކުރި ނަމަވެސް އަދިވެސް އޮތީ އެބަނދަރުގައި ކަމަށެވެ.
"އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އެދޯނި މިހާރު ތިލަކޮށްފައި ވަނީ. އެދޯނި އަދި އެހެން ތަނަކަށް ނުގެންދޭ،" އާތިފު ވިދާޅުވި އެވެ.
އާތިފު ވިދާޅުވީ އަޑިއަށް ދިޔައީ އެމްޕީއެލްގެ ދޯންޏެއް ނޫން ކަމަށާއި އެ ދޯނި އަޑިއަށް ދިޔައީ މާބޮޑަށް ދިޔަވުމުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ ދޯނި އަޑިއަށް ދިޔަ ހާދިސާ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަދި ވިދާޅުވީ އެދޯނި އަޑިއަށް ދިއުމުގެ ސަބަބުން މާލީ ގޮތުން ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގޭ ކަމަށެވެ. އެދޯނި އަޑިއަށް ދިއުމުގެ ސަބަބުން ޖިސްމާނީ ގޮތުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.