ދަވްޙާ (އޮގަސްޓް 30) : ހަމާސް އިން އިސްރާއީލާ ދެކޮޅަށް ކުރަމުންގެންދަނީ މިނިވަން ކަމުގެ ހަނގުރާމައެއް ކަމަށާއި އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން ނުފައިބާ ނަމަ އިސްރާއީލާއި ހަމާސްއާ ދެމެދު އަދި ވެސް އިތުރު ހަނގުރާމަތައް ހިނގާނެ ކަމަށް ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ ޚާލިދް މިޝްއަލް ވިދާޅުވެއްޖެ އެވެ.

މިޝްޢަލް ވިދާޅުވީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި ޢަދުވާނުގައި 2000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 60 އާއިލާ މުޅިން ފަނާކޮށްލުމާއި 11،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައި ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗާ މުޅި ންހަލާކު ކޮށްލާފައިވީ ނަމަވެސް މަގްސަދް ޙާސިލްނުވެ ޢުދުވާން ހުއްޓާލުމަށް އިސްރާއީލަށް މަޖްބޫރުވުމާއި އިސްރާއީލުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ދެވޭނެކަމުގެ އިތުބާރު އެމީހުންގެ ސިފައިންގެ ލަޝްކަރުތަކަށް ގެއްލުމާއި ފަލަސްތީނުގެ ބިންތައް ހިފައިގެން އަމާންކަންނެތްކަން އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިންނަށް ގަބޫލުކުރެވި އެމީހުން އިސްރާއީލު ދޫކޮށްދާން ފެށުމަކީ ފަލަސްތީނުގެ ބިންތައް މިނިވަންކުރެވޭނެ ކަމުގެ އިތުބާރު ފަލަސްތީނު ރައްޔިތުންނަށް ލިބިގެންދިޔަ ކަމެއްކަމުގަ އެވެ.

މިއީ ޣައްޒާގެ ހަނގުރާމައިން ފަލަސްތީނަށް ލިބުނު އެންމެބޮޑު ނަސްރު ކަމަށް ވެސް މިޝްޢަލް ވިދާޅުވި އެވެ. މިޝްޢަލް ވިދާޅުވީ އިސްރާއީލަކީ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުން ހަތިޔާރު އަޅައިގެންއޮތް ޓެކްނޮލޮޖީގެ ބާރުގަދަ ގައުމެއްކަން މުޖާހިދުންނަށް އެނގޭކަމަށާއި ފަލަސްތީނުގެ މުޖާހިދުންނަށް ލިބިފައިވާ އާދައިގެ ހަތިޔާރުން އިސްރާއީލު ސިފައިންގެ ތުންގަނޑު ބިމަށް ހަރާލެވުމަކީ މުޖާހިދުންގެ އަމިއްލަ ނަފްސުގެ އިތުބާރު ލިބިގެން ދިޔަ އަދި ފަލަސްތީނުގެ ބިންތަކުގައި ފައިހަރުކޮށްލައިގެން ނުތިބެވޭނެ ކަމުގެ މާޔޫސްވުން އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިންނަށް ލިބިގެންދިޔަ ކަމެއް ކަމުގަ އެވެ.
ގަތަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިޝްޢަލް ވިދާޅުވީ އިސްރާއީލަކީ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުން ހަތިޔާރު އަޅައިގެންއޮތް ބާރުގަދަ ގައުމަކަށް ވެފައި އިސްރާއީލުގެ އަނިޔާވެރިކަމަށް ބައިނަލްއަގްވާމީ މުޖްތަމައުން ތާއީދުކުރިނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރުން މިނިވަން ވުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ ކަމަށާ އެހައްގު ހޯދުމަށްކުރާ މަސައްކަތުގައި ޙަމާސް ފަސްނުޖެހޭނެ ކަމުގައެވެ.
މީގެ އިތުރުން އިސްރާއީލުން ފަލަސްތީނުގެ ޢާންމުން ގަސްދުގައި ޝަހީދު ކުރުމާއި ގަތްލުއާންމު ހިންގުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ސަބަބުން ދުނިޔޭގައި އިސްރާއީލަކީ ކުށްވެރި ގައުމެއްކަމަށް ސިފަވެގެން ދިޔުމާއި ފަލަސްތީނުގެ ހައްގުތައް ޔޫރަޕާއި އެމެރިކާގެ ރައްޔިތުންނަށް ވިސްނި ހުޅަނގުގެ އާންމުންގެ ހަމްދަރްދީ ފަލަސްތީނަށް ލިބިގެންދިޔުމަކީ ވެސް ފަލަސްތީނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް މިޝްޢަލް ވިދާޅުވި އެވެ.

މީގެ އިތުރުން އިސްރާއީލުން ގެންގުޅޭ ބިރުދެއްކުމުގެ ސްޓްރެޓެޖީ ފޭލްވުމާއި އިސްރާއީލުދެކެ ބިރުނުގަންނަ މީހުން ފަލަސްތީނުގައި ތިބިކަން އެނގިގެން ދިޔުމަކީ ވެސް ފަލަސްތީނަށް ލިބުނު ހުރިހާ ކަމަކަށް ވުރެ ބޮޑު ނަސްރެއް ކަމަށް މިޝްޢަލް ވިދާޅުވި އެވެ. ޣައްޒާގެ ހަނގުރާމައިގާ ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ހަތަރު ބިލިޔަން ޑޮލަރުގެ ގެއްލުން ލިބިފައިވާ އިރު އިސްރާއީލުގެ ޓޫރިޒަމް ސެކްޓަރަށް މި ހަނގުރާމައިގެ ސަބަބުން ހަ ބިލިޔަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)