30 Aug 2014, 09:53
ބެއިޖިން (އޮގަސްޓް 30) : އެމެރިކާ އިން ޗައިނާ އަށް ޚާއްސަކޮށްގެން ހިންގަމުން ގެންދާ ޖާސޫސީ ޙަރަކާތްތައް ހުއްޓާލުމަށް ޗައިނާ ސިފައިންގެ ލަޝްކަރުތަކުން އެމެރިކާ އަށް ގޮވާލައިފި އެވެ.
ޗައިނާ ސިފައިންގެ ތަރްޖަމާން ޔަންގް ޖޫޔުންގް އެމެރިކާ އަށް ގޮވާލެއްވީ ޕެސިފިކް ސަރަހައްދާއި ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގައި ޗައިނާގެ ހަރަކާތްތަކަށް ފާރަލުމަށް އެމެރިކާ ހިންގަމުންގެންދާ ޖާސޫސީ ހަރަކާތްތައް ހުއްޓާލުމަށެވެ. ޖޫޔުންގް ވިދާޅުވީ އެމެރިކާ ހިންގަމުންގެންދާ މިޙަރަކާތްތައް ހުއްޓާނުލާ ނަމަ މުސްތަގްބަލްގައި ދެގަމުގެ ދެމެދުގައި ހީނުކުރާވަރުގެ ހިތާމަވެރި ހާދިސާތައް ހިނގުމުގެ ފުރްސަތު ބޮޑުކަމުގަ އެވެ. ޗައިނާ އިން މިހެންބުނެފައި މިވަނީ ޗައިނާގެ ހައިނާން ޖަޒީރާގެ ކައިރީގައި ޗައިނާގެ ފައިޓަރޖެޓް މަތިންދާބޯޓަކާއި އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓަކާދެެ މެދު މިދިޔަ ހަފްތާގައި ހިނގި ހާދިސާއަކަށްފަހުގަ އެވެ.
މިޙާދިސާގަައި މިދެބޯޓު ޖެހި މުޑިއަރާފައި ނުވި ނަމަވެސް ޗައިނާގެ ފައިޓަރޖެޓް މަތިންދާ ބޯޓުގެ ޕައިލެޓް އެމެރިކާގެ ޢަސްކަރީ ޖާސޫސީ މަތިންދާބޯޓާ ވަރަށްކައިރިވެ ޖެއްސުންކުރާ ފަދަ ގޮތަކަށް ހަރަކާތްތެރިވެފައިވާ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ވަނީ ތުހުމަތުކޮށްފަ އެވެ. ޕެންޓަގަން އިން ބުނި ގޮތުގައި ޗައިނާގެ ޕައިލެެޓް ޙަރަކާތްތެރިވެފައި ވަނީ ވައިގެ އެކްސިޑެންޓެއް ހިނގާ ފަދަ ނުރައްކާތެރި ގޮތަކަށް ކަމުގަ އެވެ. ޖައްވުގައި މިހާދިސާ ހިނގާފައި ވަނީ ހައިނާން ޖަޒީރާގެ އިރުން 220 ކިލޯ މީޓަރު ދުރުންކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާ އިން ހަމައެކަނި ޗައިނާ އަށް ފާރަލައި ޖާސޫސުކުރުމަށް ހިންގަމުން ގެންދާ ހަރަކާތްތަކަށް ވެސް އަހަރަކު އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ޚަރަދުކުރާ ކަމަށް ވެެ އެވެ. މިފަދަ ޙާދިސާއެއް 2011 ވަަނަ އަހަރު ވެސް ޗައިނާއާއި އެމެރިކާއާ ދެމެދު ވަނީ ހިނގާފަ އެވެ.
ހައިނާން ޖަޒީރާގެ ކައިރީގައި 2011 ވަނަ އަހަރު ހިނގި މިޙާދިސާގައި ޗައިނާގެ އަސްކަރީ މަތިންދާ ބޯޓަކާއި އެމެރިކާގެ މެރިންޒް ސިފައިންގެ މަތިންދާބޯޓެއްޖެހި މުޑިއަރާފައިވެ އެވެ. ޗައިނާއާ މެދު އެމެރިކާ ކަންބޮޑު ވަނީ އެމެރިކާގެ ޢަސްކަރީ ޚަރަދުތައް ކުޑަކުރުމަށް މަޖްބޫރުވެގެން އެ ޚަރަދުތައް ކުޑަކުރަމުންގެންދާ މިދަނޑިވަޅުގައި ޗައިނާގެ ޢަސްކަރީ ބަޖެޓް ބޮޑުކޮށް އަސްކަރީ ޓެކްނޮލޮޖީ ފުޅާކުރަމުން ގެންދާތީ އެވެ. އެމެރިކާގެ ޢަސްކަރީ ރޭވުންތެރިން މިހާރު ގެންދަނީ ޔޫރަޕްގެ ބަދަލުގައި އެމެރިކާގެ އަސްކަރީ ފޯކަސް އޭޝިޔާ ޕެސިފިކް ސަރަހައްދަށް ބަދަލުކުރަމުންނެވެ. މިއީ ޗައިނާއަށާއި އިންޑިޔާ އަށް ފާރަލާމިންވަރު އިތުރު ކުރުމަށާއި ދުނިޔޭގެ ވިޔަފާރީގެ މަރުކަޒު ޔޫރަޕުން އޭޝިޔާ އަށް ބަދަލުވަމުންދާ ދިޔުމާ ގުޅިފައިވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)