އިންޑިއާގައި 1.2 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރު އޭގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުންގެ ގޭގައި ފާހާނާއެއް ނުހުރެ އެވެ.

ދާދިފަހަކުން އިންޑިއާގައި މިވަނީ ފިރިހެން މީހާގެ ގޭގައި ފާހާނާ ނުހުރުމުގެ ސަބަބުން ބައެއް އާއިލާތައް ރޫލިފަ އެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭސްގައި އަލަތު ކައިވެނި ކުރި ހަ އަންހެން ކުއްޖަކު އެމީހުންގެ ފިރިމީހާގެ ގޭގައި ފާހާނާ ނުހުންނާތީ އެ ހަ އަންހެން ކުދިން ވެސް ވަނީ އެމީހުންގެ ބެލެނިވެރިންގެ ކައިރިއަށް އަނބުރާ ގޮސްފައި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އޭގެ ތެރެއިން އެއް އަންހެނަކު ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ "އަހަރެންގެ ބެލެނިވެންރިންގެ ގޭގައި ފާހާނާ ހުރޭ، އެކަމަކު އަހަރެންގެ ފިރިމީހާގޭގައި ފާހާނާއެއް ނުހުރޭ، ފާހާނާ ކުރުމަށް ބޭރަށް ދިއުމަކީ ބޮޑު ވޭނެއް. އެހެންވެ އަހަރެން އޭނާއާ ރުޅި ހަދާފައި ބެލެނިވެރިންގެ ކައިރިއަށް މިއައީ" ކަމަށެވެ.

ބީބީސީ އަށް އިންޓަވިއު ދިން ހުރިހާ ކުދިން ވެސް ބުނެފައި ވަނީ އެމީހުން ފިރިމީހާގެ ގެއިން ނުކުމެގެން އެމީހުންގެ ބެލެނިވެރިންގެ ގެއަށް އައުމަށް ނިންމީ ހަމަ އެއްސަބަބެއްގައި ކަމަށެވެ. އެއީ ފިރިމީހާގެ ގޭޭގައި ފާހާނާ ނުހުރުމެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފިރިމީހާގޭގައި ފާހާނާ ނުހުރުމުގެ ސަބަބުން އެ ކުދިން ތިބެނީ ނުރައްކަލެއްގެ ތެރޭގަ އެވެ.

އިންޑިއާގެ މިނިވަން ދުވަހު ދެއްވި ހާއްސަ ބަސްތީގަތުމުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެފައި ވަނީ "އަހަރެމެން މިތިބީ 21 ވަނަ ގަރުނުގައި، އެކަމަކު އަންހެނުންނަށް އެއްވެސް ކަހަލަ އިހުތިރާމެއް ނެތް. އެމީހުން ފާހާނާ އަށް ދާންޖެހެނީ ގެއިން ބޭރަށް،" ކަމަށެވެ.