17 Jan 2011, 22:22
މިދިޔަ އަހަރުގެ އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭ ޑީއާރްޕީން ބޭއްވި މުޒާހަރާ ތެރޭގައި މީޑިއާގެ މަދު ބައެއްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް "ދަށު ދަރަޖައިގެ" އަމަލުތަކެއް ކަމަށް ބުނެ، މުޒާހަރާ އާއި ނުރައްކާތެރި ހާލަތްތަކުގައި ގެންގުޅެންވީ ރަނގަޅު އުސޫލުތައް މީޑިއާގެ ފަރާތްތަކަށް ބުނެދިނުމަށް ފުލުހުން މީޑިއާ ކައުންސިލަށް ގޮވައިލައިފި އެވެ.
އޮކްޓޯބަރ 25، 2010 ގައި ޑީއާރްޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރޭގައި މީޑިއާގެ ފަރާތްތަކާ މެދު ފުލުހުން ގަސްތުގައި ހަރުކަށިކޮށް އަމަލުކޮށްފައިވާ ކަމަށް ބުނެ މީޑިއާ ކައުންސިލުން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނަނީ، "މުޒާހަރާގައި މީޑިޔާގެ ބައެއް ފަރާތްތަކުން ޢަމަލުކޮށްފައި ވަނީ އެފަދަ އެހެން ހާދިސާތަކުގައި އެފަރާތްތަކުން އަމަލުކުރާ އުސޫލުތަކާ ޚިލާފަށް، ފުލުހުންގެ ދައުރު އަދާ ކުރުމަށް ސީދާ ހުރަސްއެޅޭ ގޮތަށް" ކަމަށެވެ.
އެހެންކަމުން އެ ސަރަޙައްދުގައި ހަރަކާތްތެރިވި މީޑިއާގެ މަދު ބައެއްގެ ފަރާތުން ފެނިގެންދިޔަ "ދަށު ދަރަޖައިގެ" އަމަލުތައް އިތުރަށް ދިރާސާ ކުރައްވައި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުހިނގާނެ ފަދަ ގޮތަކަށް، މީޑިޔާގެ ކަންކަން އިސްލާހް ކުރުމަށް މީޑިޔާ ކައުންސިލުން ޒިންމާދާރުކަމާ އެކު މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ފުލުހުން ބުނެ އެވެ.
"މޯލްޑިވްސް މީޑިޔާ ކައުންސިލުން މީޑިޔާގެ ފަރާތްތަކަށް، މުޒާހަރާ އާއި ނުރައްކާތެރި ހާލަތްތައް ޤައުމުގެ އަމަން އަމާންކަން ޤާއިމް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ވާޖިބަށް ހުރަސް އަޅާ ބަޔަކަށް ނުވެ، ދުނިޔޭގެ އެހެން ޑިމޮކްރެޓިކް ޤައުމުތަކުގައި ވެސް ގެންގުޅޭ ރަނގަޅު އުޞޫލުތަކާއި ގޮތްތައް ދިރާސާކޮށް ބުނެދިނުމަކީ މިފަދަ ޙާދިސާތައް ކުރިމަގުގައި މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް ކަމަށް މިސަރވިސްއިން ދެކެމެވެ،" ނޫސްވެރިންނާ ދެކޮޅަށް ޕެޕާ ސްޕްރޭ އާއި މުގުރު ފުލުހުން ބޭނުންކޮށްފައި ވަނީ ގަސްތުގައި ކަމަށް ބަޔާންކޮށް މީޑިއާ ކައުންސިލުން ރިޕޯޓް ނެރުނުތާ 24 ގަޑިއިރު ވެސް ނުވަނީސް ފުލުހުން ނެރުނު ނޫސްބަޔާނުގައިވެ އެވެ.
މީޑިޔާގެ ފަރާތްތަކަކީ ފުލުހުން ނުހަނު އިޙްތިރާމްކުރާ އަދި ޒަމާނީ ޑިމޮކްރެސީއެއްގައި މުހިންމު ބައެއް ކަމަށް ގަބޫލުކުރާ ކަމަށް ފުލުހުން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ފުލުހުންނާ ގުޅުން ހުރި ކަންކަމުގައި މީޑިޔާ އިން ބޭނުންވާ މައުލޫމާތު އެފަރާތްތަކަށް ލިބޭނެ ފަހި ގޮތްތައް ގާއިމް ކޮށްދިނުމުގައި ފުލުހުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ. ނަމަވެސް، ފުލުހުންގެ ވާޖިބު އަދާކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަން މީޑިއާ އިން ގަބޫލުކުރަން ޖެހޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
"މީޑިޔާގެ ފަރާތްތަކުން ވެސް އެފަރާތްތަކުގެ އިންތައް ދެނެގަނެ، ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށާއި ފުލުހުންގެ ދައުރު އަދާ ކުރުމަށް ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް ކޮންމެ ވަގުތެއްގައި ވެސް ފުލުހުން އަޅާނެކަން ޤަބޫލުކުރެއްވުން އެދެމެވެ."