މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) އިން އިއްޔެ ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވުމެއް ނެތި އެ ޕާޓީގެ ރައީސްކަން ވަގުތީ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކޮށްފި އެވެ.

އިއްޔެގެ އެ އިންތިހާބުގައި ހަތަރު މަގާމަށް ބޭފުޅުން ހޮއްވެވި އިރު ކޮންމެ މަގާމަކަށް ވެސް ކުރިމަތިލެއްވީ އެއް ބޭފުޅެކެވެ.

އެެ އިންތިހާބުގައި ރައީސް ކަމަށް ނަޝީދު ހޮވިވަޑައިގަތް އިރު ނައިބް ރައީސް ކަމަށް ހޮވިވަޑަގަތީ ނިމިދިޔަ ދައުރުގައި ބާރަށު ދާއިރާގެ މެމްބަރުކަން ކުރެއްވި މުހައްމަދު ޝިފާޒް އެވެ. ޗެއާޕާސަން އަކަށް ހޮވިވަޑައިގަތީ ނިމިދިޔަ ދައުރުގައި ތޮއްޑޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަލީ ވަހީދު އެވެ. އަދި ޗެއާޕާސަންގެ ނައިބުގެ މަގާމު ކާމިޔާބު ކުރެއްވީ އަލީ ނިޔާޒް އެވެ. އެމްޑީޕީ އިން އިއްޔެ ބޭއްވި އެތެރޭގެ އިންތިހާބުގައި ކޮންމެ މަގާމަކަށް ވެސް ކުރިމަތިލައްވާފައި ވަނީ އެންމެ ބޭފުޅެއް ކަމުން އެ އިންތިހާބުގައި އެއްވެސް ވާދަވެރިކަމެއް ނެތެވެ.

އެ އިންތިހާބުގައި ނަޝީދު ހޯދެއްވީ 33709 ވޯޓް ކަމަށް އެމްޑީޕީ އިން ބުންޏެވެ. އެއީ ވޯޓްލީ މީހުންގެ 58.93 ޕަސެންޓެވެ. ޗެއާޕާސަން އަލީ ވަހީދު 26033 ވޯޓް ހޯއްދެވި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އެއީ ވޯޓްލީ މީހުންގެ 45 ޕަސެންޓެވެ. އެ ޕާޓީގެ ނައިބުކަން ކާމިޔާބު ކުރި ޝިފާޒް 21052 ވޯޓް ހޯއްދެވި އިރު އެއީ ވޯޓްލީ މީހުންގެ 36.80 ޕަސެންޓެވެ.

އެމްޑީޕީ އިން ބޭއްވި އިންތިހާބުގައި ހަތަރު މަގާމަށް ޖުމުލަ ލައިފައި ވަނީ 81053 ވޯޓެވެ.

އެ އިންތިހާބު އިއުލާންކުރި އިރު އެއް މަގާމަކަށް ދެބޭފުޅަކު ކުރިމަތިލެއްވީ އެންމެ މަގާމަކަށެވެ. އެއީ ނައިބް ރައީސްގެ މަގާމަށެވެ. ނައިބު ރައީސްގެ މަގާމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާޒް އާއި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރިމަތިލެއްވި ނަމަވެސް އަލްހާނަށް ކުރިމަތި ނުލެއްވޭނެ ކަމަށް އެ ޕާޓީން ނިންމުމާ ގުޅިގެން އެ މަގާމަށް ވާދަކުރެއްވީ ހަމައެކަނި ޝިފާޒެވެ.