ވިިއެނާ (އޮގަސްޓް 29) : ޔުކްރޭންގެ ސިފައިންނާއި އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި ރަޝިޔާ ވަންނަމުންދާ ކަމަށް ހުޅަނގުން ތުހުމަތުކޮށްފި އެވެ.

އެމެރިކާއާއި ޔޫރަޕްގެބޮޑެތި ގައުމުތަކާ އަދި ނޭޓޯ އިން އިއްޔެ ތުހުމަތުކޮށްފައި ވަނީ ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ސިފައިން ވަދެ ހަނގުރާމަ ކުރަމުންދާ ކަމުގަ އެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން ޖީން ސެކީ ވެސް ވަނީ ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ސިފައިން ވަދެ ހަނގުރާމަ ކުރަމުންދާ ކަމަށް ވިދާޅުވެ މިކަން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުންކަމުގެ އިންޒާރު ސެކީ ދެއްވި އެވެ.

އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތައް ބުނާގޮތުން ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ސިފައިން ބަރުހަތިޔާރާ އެކު ވަންނަމުންދަނީ ޔުކްރޭނުން ވަކި ވެގަތުމަށް މަސައްކަތްކުރާ އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ދިފާއުގަ އެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން ވިދާޅުވީ މިމައްސަލާގައި ރަޝިޔާއާ ދެކޮޅަށް އެޅޭނެ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އެމެރިކާ ބަލައި ދިރާސާ ކުރަމުން ގެންދާ ކަމަށާއި ދަތިކުރުމުގެ ފިޔަަވަޅުތަކުން ރަޝިޔާ އަށް އަސަރުކުރާނެ ކަމުގަ އެވެ.

ހުޅަނގުގެ ޢަސްކަރީ ޖަމާއަތް ކަމަށްވާ ނޭޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަޝިޔާ ސިފައިން ޔުކްރޭނަށް ސީދާގޮތެއްގައި ވަދެ އިދިކޮޅު ހަނގުރާމަވެރިންނާ އެކު އެގައުމުގެ ދޮނެޓްސިކް އާއި ލޮހާންސްކްގައި ހަނގުރާމަ ކުރަމުން ގެންދާކަމުގަ އެވެ. މިކަމާ ބެހޭ ފޮޓޯތަކެއް ވެސް ނޭޓޯ އިން އިއްޔެވަނީ ދައްކާލާފަ އެވެ. މިފޮޓޯތަކުން ފެންނަނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ޙިސާރުވެފައިވާ އިދިކޮޅު ހަނގުރާމަވެރިންގެ ޙިމާޔަތުގައި ރަޝިޔާ ސިފައިން ހަރަކާތްތެރިވަމުންދާ މަންޒަރުތަކެއް ނޭޓޯ ބުނި ނަމަވެސް މިއީ ހަގީގީ ފޮޓޯތަކެއްކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެ އެވެ. ނޭޓޯ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރަޝިޔާގެ ހާހަކަށް ވުރެ ގިނަ ސިފައިން ޔުކްރޭންގެ އިރުދެކުނުގެ ސަރަހައްދުތަކަށް ވަދެ ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިންގެ ސަފުތަކުގައި ހަނގުރާމަ ކުރަމުންގެންދާކަމުގަ އެވެ.

ރަޝިޔާ ސަރުކާރުން ވަނީ ހުޅަނގުގެ މިތުހުމަތުތަކަށް ކަނޑައެޅިގެން އިންކާރުކޮށްފަ އެވެ. ރަޝިޔާގެ ދިފާއީ ވުޒާރާގެ ތަރްޖަމާން އީގޯރު ކްނާޝިންކޯފް ވިދާޅުވީ ހުޅަނގުގެ މިތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްނެތް ތުހުމަތުތަކެއް ކަމަށާއި މިތުހުމަތުތަކާ ގުޅޭ ސާބިތު އެއްވެސް ހެއްކެތް ހުޅަނގަށް ދެއްކިފައިނުވާ ކަމުގަ އެވެ. ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައިގެންފި ކަމަށްބުނެ ޔުކްރޭން ސަރުކާރުން އެދުނު އެދުމަކަށް ޔޫރަޕްގެ އަމަނާއި އެއްބާރުލުމާބެހޭ ޖަމްޢިއްޔާ ކަމަށްވާ ޔޫރަޕިޔަން އޮގަނައިޒޭޝަން ފޯރ ސެކިއުރިޓީ އެންޑް ކޯޕަރޭޝަންގެ ކުއްލި ބައްދަލުވުމެއް ވެސް ވިއެނާގައި އިއްޔެވަނީ ބާއްވާފަ އެވެ.

މިބައްދަލުވުމުގައި ބައިވެރިވެރިވި ޔުކްރޭންގެ މަންދޫބު އީހޫރު ބްރޫކޯބިޝޯކު ވަނީ އަޒޯފް ކަނޑުގެ އުތުރުގައިވާ ޔުކްރޭންގެ ނޮވޯޒެފެސްކް ކަނޑުގެ ބަނދަރަށް ރަޝިޔާ ސިފައިން ވެރިވެގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރަޝިޔާ ސިފައިން ޔުކްރޭނުގެ އިރުމައްޗާއި އިރުދެކުނުގެ ސަރަހައްދުތަކުން ބޭރުކޮށްލަން ޖެހޭ ކަމަށާ މިކަމަށް ޓަކައި ޔުކްރޭނަށް ބައިނަލްއަގްވާމީ އެހީ ބޭނުންވާ ކަމުގަ އެވެ. ޔުކްރޭންގެ ރައީސް ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފަ އެވެ. (ރޮއިޓާސް)