ތެހެރާން : ޕައިލެޓަކާނުލާ ދަތުރުކުރާ ހެލިކޮޕްޓަރެއް އީރާނުން އީޖާދުކޮށްފިއެވެ. އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީއާއި ތެހެރާން ޔުނިވަރސިޓީގެ ޖައްވީ އުފެއްދުންތަކާބެހޭ އިންޓިޓިއުޓް ގުޅިގެން އީޖާދުކުރި މިހެލިކޮޕްޓަރުގެ ޑިޒައިން ކޮށްފައިވަނީ ޢަސްކަރީ ބޭނުންތަކާއި މަދަނީ ކަންކަމަށްވެސް ބޭނުންކުރެވޭ ގޮތަށް ކަމަށް މިއިންސްޓިޓިއުޓުން ބުނެއެވެ.

ކްރާރް 110 ގެ ނަމުން ނަންދެވިފައިވާ މި ހެލިކޮޕްޓަރު ފަރުމާކޮށް ޑިޒައިންކުރީ ތެހެރާން ޔުނިވަރސިޓީގެ ޖައްވީ އުފެއްދުންތަކާބެހޭ އިންޓިޓިއުޓުންނެވެ. އަދި މިހެލިކޮޕްޓަރ އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދަނީ އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީންނެވެ. ފަސިންޖަރުންނާއި މުދާ އުފުލުމުގެ އިތުރުން ބޮޑެތި އަލިފާންގަނޑުތައް ނިއްވުމަށާއި ވައިގެ ސަރވޭތައް ހެދުމަށާއި ދަނޑުތަކަށް ފެންދިނުމަށާއި ދަނޑުތަކަށް ބޭސްޖެހުންފަދަ ކަންކަމުގައިވެސް މިހެލިކޮޕްޓަރު ބޭނުން ކުރެވޭނެއެވެ. މީގެއިތުރުން މިހެލިކޮޕްޓަރު ފަރުމާކޮށްފައިވަނީ ވައިގެ ޖާސޫސުކުރުމަށްބޭނުންވާ ކެމެރާތަކާއި ޒަމާނީ އެހެންވަސީލަތްތައްވެސް ހަރުކުރެވޭ ގޮތަށެވެ. މިތަކެތީގެ އެހީގައި ނަގާ ޖާސޫސީ ފޮޓޯތައް އޮޓަމެޓިކުން (ޕްރޮގްރާމް ކޮށްފައިވާ ގޮތެއްގެ މަތިން) ބިމަށް ފޮނުވުމުގެ ޤާބިލްކަންވެސް މިހެލިކޮޕްޓަރަށް ލިބިގެންވެއެވެ.

އީރާނުގެ މީޑިޔާ ބުނާގޮތުން އެޤައުމުގެ ހަތިޔާރުގެ އިންޑަސްޓްރީން މިހާރު ވަނީ މީގެ ހަތަރު ހެލިކޮޕްޓަރުގެ މައިގަނޑުބައިތައް އުފައްދާފައެވެ. އަދި ކުރިޔަށްއޮޔް ހައެއްކަ މަސްދުވަހުގެ ތެރޭގައި މިހެލިކޮޕްޓަރ ތަޖްރިބާކުރެވި ޚިދްމަތަށް ނެރެވޭވަރުވާނެއެވެ. އީރާނުންވަނީ ޕައިލެޓާއެކު ދަތުރުކުރާ ދެމަރުކާއެއްގެ ހެލިކޮޕްޓަރު މީގެކުރިން އުފައްދާފައެވެ. އަދި ޕައިލެޓަކާނުލާ ދަތުރުކުރާ ޖާސޫސީ މަތިންދާބޯޓުގެ ހަތަރުވައްތަރެއްވެސް އަމިއްލައަށް އުފައްދައި އީރާނުގެ ސިފައިން އެތަކެތި ބޭނުންކުރަމުން ގެންދެއެވެ. މީގެތެރޭގައި ޕައިލެޓަކާނުލާ ދަތުރުކުރާ ބޮންއަޅާ ބޯޓެއްވެސް ހިމެނެއެވެ.