ރައްޔިތުންގެ ތަރައްގީއަށް ނުވަތަ ސަރުކާރަށް ހުރަސްއަޅާ ނަމަ ކައުންސިލްތައް އުވާލައިގެން ނަމަވެސް ރައްޔިތުންނަށް ހިދުމަތްދޭން ތައްޔާރުކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލް މަޖިލީހުން ފާސްކުރުމުގެ އުފަލުގައި ރޭ ކާނިވާ ސަރަހައްދުގައި ކޯލިޝަންގެ ފަރާތުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ބިއުރޯކްރަސީ ކުޑަކޮށް ކުޑަ ޓީމަކާ ހަވާލުކުރަން މަޖުބޫރުވީ ސަބަބަކީ ވެސް ކައުންސިލްތަކުން ސަރުކާރަށް ހުރަސްއެޅުން ކަމަށެވެ.

ނިހާން ވިދާޅުވީ މާލޭ މަގުތަށް ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ދިމާވާ ދަތިތަކުގެވާހަކަ މާލޭގެ ރައްޔިތުން ދައްކަމުން ދިޔައިރު މާލޭ ސިޓީ ކައުންސިލަށް ހައްލުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ހައުސިން މިނިސްޓްރީން އިސްނަގައިގެން އެމްޑަބްލިއުއެސްސީއާ އެކު މަގުތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ސްޕެޝަލް އިކޮނޮމިކް ޒޯން ވެސް ބިއުރޯކްރަސީ ކުޑަކޮށް ކުޑަ ޓީމަކާ ހަވާލުކުރަން މަޖުބޫރުވީ ސަބަބަކީ މާލޭ ސިޓީ ކައުންސިލުން ވެސް އަދި އެހެން ކައުންސިލްތަކުން ވެސް އެކަމަށް ހުރަސް އެޅުން. އެހެންވީމަ އަޅުގަނޑުމެންގެ ރައްޔިތުންގެ ތަރައްގީއަށް ނުވަތަ ސަރުކާރަށް ދަތިކުރާނަމަ ކައުންސިލްތައް އުވާލައިގެން ނަމަވެސް ރައްޔިތުންނަށް ހިދުމަތްދޭން އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" ނިހާން ވިދާޅުވި އެވެ.

ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތް ނުދޭނެމަ އެފަދަ ކައުންސިލްތައް އުވާލައިގެން ރައްޔިތުންނަށް ޚިދުމަށް ފޯރުކޮށްދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެމްބަރުން ވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ރަށްރަށުގެ ބިންތަކަކީ ކައުންސިލްގެ ބިންތަކެއް ނޫން ކަމަށާއި ބިމާބެހޭ ގާނޫނު ބުނާގޮތުން އެ ބިންތަކުގެ ބާރު އޮންނާނީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ކައުންސިލަރުންނަށް އަޅުގަނޑު ދަންނަވާލަން ދިވެހިރާއްޖޭގެ ބިންބިމާ ބެހޭ ގާނޫނުގައި ވަރަށް ރަނގަޅަށް ބަޔާންކޮއްފައި ވާނެ އެއީ ސަރުކާރުގެ ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ ނުވަތަ ރައީސް ކަނޑައަޅުއްވާ ކެބިނެޓުން ނިންމަވައިގެން ބިމާބެހޭ ވުޒާރާގެ ދަށުގައި ހުންނަ ތަންތަން. އެއީ އެއްގޮތަކަށް ވެސް ކައުންސިލްތަކުގައި މިލްކުގައިވާ ތަންތަނެއް ނޫން،" ނިހާން ވިދާޅުވި އެވެ

އެސްއީޒެޑް ބިލަށް އަމަލުކުރަން ފެށުމުން ދައުލަތުގެ އެއްވެސްތަނެއް ކައުންސިލްތަކަށް ނުދޭނެ ކަމަށް ވިދާޅުވެ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދުދެއްވައި ނިހާން ވިދާޅުވީ ކައުންސިލްތަކުގެ ބެލުމުގެދަށުގައި މިއަދުވެސް އޮތް އެޗެއް އޮންނާނެ ކަމަށެވެ. އަދި ކައުންސިލްތަކުން ސަރުކާރުގައި "ޓަކި ޖަހައިގެން" ސަރުކަރުން ބަޖެޓް ހޯދައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަންވީ ކަމަށް އޭނާ ވިދާޅުވި އެވެ.