ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސުޕެޝަލް އިކޮނަމިކް ޒޯން (އެސްއީޒެޑް) ބިލްގެ ފައިދާ ރާއްޖެ އަށް ކުރަނީ 20 ވަރަކަށް އަހަރު ފަހުން ކަމަށާއި އެ ބިލުގެ ފައިދާ ލިބޭނީ މިހާރުގެ ކުޑަކުދިން އަދި މާދަމާގެ ޒުވާނުންނަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެސްއީޒެޑް ބިލު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްވުމުގެ އުފަލުގައި، "ތަރައްގީ ޔަގީން، އަތޮޅުތަކަށް އެސްއީޒެޑް"ގެ ނަމުގައި ރޭ ކާނިވަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެސްއީޒެޑްގެ ބިލަކީ މިހާތަނަށް އެންމެ ބޮޑު ދިރާސާއެއްކޮށްގެން ހެދުނު އިގްތިސާދީ ބިލު ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރުން މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖް އަޅާ، އިގްތިސާދީ "އަޖައިބު" ހާސިލުކުރާނެ ކަމަށެވެ.

އޯގަސްޓް 28، 2014: މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ސުޕެޝަލް އިކޮނަމިކް ޒޯން (އެސްއީޒެޑް) ބިލު މަޖިލީހުން ފާސްވުމުގެ އުފަލުގައި ޕީޕީއެމުން ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ


"އަޅުނގަޑުމެން ދިޔައިން ގައުމުތަކަށް އެތައް ރިސާޗުތަކެއް ހެދިން. އެތައް އިންސްޓިޓިއުޓްތަކަކާ ވާހަކަ ދެއްކިން. އެތައް ބޭންކުތަކަކާ ވާހަކަ ދެއްކިން. ރާއްޖޭގެ ސެންޓްރަލް ބޭންކާ ވާހަކަ ދެއްކިން. ޖުމްލަ ގޮތެއްގައި މިއަށް ވުރެ ބޮޑަށް ދިރާސާކުރެވިގެން ހެދުނު ބިލެއް ހަމަގައިމު ވެސް އިގްތިސާދީ ކަންތައްތަކުގައި ނޯންނާނެ،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

އެސްއީޒެޑަކީ އިސްލާމްދީނާ ދެކޮޅު ބިލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ އަށް ރައްދުދެއްވައި ސައީދު ވިދާޅުވީ، "ބަންގީގެ އަޑު އިންޑިއާ ކަނޑުން ކެނޑިގެން ނުދާނެ" ކަމަށާއި އިސްލާމްދީން މިގައުމުން ފޮހެވިގެންދާވަރުގެ އެއްވެސް ކަމެއް ރައީސް ޔާމީން ނުކުރައްވާނެ ކަމަށެވެ.

އެސްއީޒެޑް ބިލް ފާސްވުމުގެ އުފާފާޅު ކުރި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްއާ އެކު ގައުމު އައު އުސްމިންތަކަކަށް ގެންދެވޭނެ ކަމަށެބެ.

"ރައީސް މައުމޫން 2008 ގައި ވިދާޅުވި ފަދަ އާއުސްމިންތަކަށް ރާއްޖެ ގެންދާނެ. އިރާދަކުރެއްވިއްޔާ އަޅުނގަޑުމެން ނުހުއްޓުވޭނެ. އަޅުނގަޑުމެން ދާނީ ކުރިއަށް. ރައީސް ޔާމީންގެ ފަހަތުން އަޅުނގަޑުމެން ދާނީ ކުރިއަށް،" ޓޫއަރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ވޭތުވެ ދިޔަ ދެ އަހަރު ވެސް ރާއްޖެ އަށް އެތައް އިންވެސްޓަރުން އައިސްފައިވާ ކަމަށާއި ރާއްޖެއަށް ކުރިއަށް އޮތީ ފާގަތި މުސްތަގްބަލެއް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު އަދީބު ވަނީ އެސްއީޒެޑްގެ ބިލަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ދެކޮޅު ހަދައި ދެއްކި ވާހަކަތަކަށް ވެސް ރައްދުދެއްވައިފަ އެވެ. އެގޮތުން އެ ބިލަށް އެމްޑީޕީގެ މެންބަރުން ހުށަހެޅި 200 އަށް ވުރެ ގިނަ އިސްލާހަކީ އެއްވެސް މާނައެއް ނެތް ގޮތުގައި ހުށަހެޅި އިސްލާހުތަކެއް ކަމަށް އަދީބު ވިދާޅުވި އެވެ.

އެސްއީޒެޑުގެ ބިލު ފާސްވުމުގެ އުފަލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެ ކަނބަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުރުން ސަރުކާރު ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ ޕީޕީއެމާއި އެމްޑީއޭ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ. އަދި ރައްޔިތުން މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ބިލާ މެދު ވާހަކަފުޅުދައްކަވައިފަ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސުޕެޝަލް އިކޮނަމިކް ޒޯން (އެސްއީޒެޑް) ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސް ކޮށްފައިވާ އިރު، އެ ބިލް ފާސް ކުރުމަށް މަޖިލީހުގެ 60 މެމްބަރެއްގެ އަޣުލަބިއްޔަތު ލިބުނެވެ. އަދި ބިލު ފާސް ކުރުމާ ދެކޮޅަށް 15 މެމްބަރަކު ވޯޓު ދެއްވި އެވެ.

ސަމޯއާގައި އޮންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސުގައި ބައިވެެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެެއާޕޯޓްގައި ހުންނަވައި މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން އިއްޔެ ވިދާޅުވެފައި ވަނީ، އެސްއީޒެޑްގެ ބިލް ތަސްދީގު ކުރެއްވުނުހާ އަވަހަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.