ޕެރިސް : އިންޑިޔާގެ އެއަރލައިނެއް ކަމަށްވާ އިންޑިގޯއިން 180 މަތިންދާ ބޯޓު ގަތުމަށް އެދިފައިވާ ކަމަށް ޔޫރަޕްގެ އެއަރބަސް ކުންފުނިން ބުނެފިއެވެ. އެއަރބަސް ކުންފުނީގެ ތަރްޖަމާނަކު ވިދާޅުވީ އިންޑިގޯއިން ގަތުމަށް ބޭނުންވާ 180 މަތިންދާބޯޓުގެ ތެރޭގައި ގިނައީ އެއަރބަސްގެ އެންމެ ފަހުގެ މަރުކާގެ މަތިންދާބޯޓު ކަމަށްވާ A320 Neo ގެ މަތިންދާބޯޓު ކަމުގައެވެ. މިއީ ސަތޭކަ ފަސިންޖަރުންނަށްވުރެ ބޮޑު ޖާގައިގެ މަތިންދާބޯޓެކެވެ. A320 Neo މަރުކާއަކީ އެހެން މަރުކާތަކުގެ މަތިންދާ ބޯޓުތަކަށްވުރެ ތެލުގެ ޚަރަދުވެސްކުޑަ މަތިންދާބޯޓެވެ. މިމަރުކާގެ މަތިންދާބޯޓު އުފައްދައި ވިއްކުމުގައި ޔޫރަޕްގެ އެއަރބަސްއާއި އެމެރިކާގެ ބޮއިންގއާ ދެމެދު ވަރަށްބޮޑު ވާދަވެރިކަމެއްވެސް އޮވެއެވެ.

އިންޑިގޯއިން ގަންނަ 180 މަތިންދާބޯޓުގެ ޝިޕްމަންޓްގައި A320 މަރުކާގެ 30 މަތިންދާބޯޓުވެސް ހިމެނޭ ކަމަށް އެއަރބަސް ކުންފުނިން ބުނެއެވެ. މިއީ ތަންކޮޅެއް ކުރީގެ މަރުކާއެކެވެ. މިހުރިހާ މަރުކާ ހިމެނޭގޮތަށް މިޝިޕްމަންޓްގެ ޖުމްލަ އަގަކީ 15.6 ބިލިޔަން އެމެރިކާ ޑޮލަރެވެ. މިއީ މިހާތަނަށް އެއަރބަސް ކުންފުންޏަށް ލިބުނު ވިޔަފާރީގެ އެންމެބޮޑު އޯޑަރު ކަމަށްވެސް އެކުންފުނީގެ ތަރްޖަމާން ވިދާޅުވިއެވެ.

އިންޑިގޯއަކީ އިންޑިޔާގައި ވަރަށް ބާރަށް ކުރިއަރަމުންދާ އެއަރލައިނެކެވެ. އެހެން އެއަރިލައިންތަކާ ޚިލާފަށް އިންޑިގޯއަކީ އެއަރޓިކެޓް އަގުހެޔޮ ކުންފުންޏެކެވެ.