ފަންސާސް އަހަރަށް ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައި ވަނިކޮށް ވިލާ އެއާ އަތުން، އެތަން ނެގުމަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ ނޯޓިހަށް އަމަލު ކުރުން ފަސް ކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ ވިލާއެއާގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ވިލާއެއާ ޕްރައިވެޓް ލިމިޓެޑާއި ދިވެހި ދައުލަތާ ދެމެދު ގދ. ކާޑެއްދޫ އެއާޕޯޓު ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ ނޯޓިހަށް އަމަލު ކުރުން ފަސް ކުރުމަށް އަންގާ ކަމަށެވެ. އަދި އެ ނޯޓިސް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޓޫރިޒަމް މިނިސްޓްރީއާ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ކާޑެއްދޫ އެއާޕޯޓު އަތުލުމަށް ނޯޓިސް ފޮނުވާފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު ދިވެހި ދައުލަތާއި ވިލާއެއާ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ އެކުންފުނިން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.

ވިލާ އެއާ އިން ކުރި ދައުވާގައި އެދިފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ނޯޓިހަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފު ނޯޓިހެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ.