28 Aug 2014, 22:44
ކެމަރޫންގެ ފޯވާޑް ސެމުއެލް އެޓޫ އާއި ސްޕެއިންގެ މިޑްފީލްޑަރު ޒަބީ އޮލޮންސޯ ބައިނަލްއަގްވާމީ ފުޓްބޯޅައިން ރިޓަޔާ ކޮށްފިއެވެ. މި ދެ ކުޅުންތެރިން ވެސް ގައުމީޓީމަށް ކުޅުން ހުއްޓާލާފައި ވަނީ ގިނަަ އަހަރު ތަކެއް ވަންދެން ގައުމީޓީމަށް ކުޅުމަށް ފަހުއެވެ.
މިހާރު ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންގެ އިނގިރޭސި ލީގުގެ އެވަޓަންއާ ގުޅިފައިވާ އެޓޫ ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީގައި މޮރޮކޯގައި ބާއްވަން ހަމަޖެހިފަވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފިކޭޝަނަށް ނެގި ކެމަރޫންގެ ގައުމީ ޓީމުންވެސް ބާކީ ވެފައެވެ.
ކުލަބް ކެރިއަރުގައި ރެއާލް އާއި އިންޓަމިލާން އާއި ބާސެލޯނާ އާއި ޗެލްސީއަށް ކުޅެފަވާ އެޓޫ ކެމަރޫންގެ ގައުމީޓީމަށް ކުޅެން ފެށީ 1997 ވަނަ އަހަރު އެވެ.
އެޓޫ ވަނީ 2000 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ކެމަރޫން އާއެކު ގޯލްޑް މެޑަލް ހޯދާފައެވެ. އަދި އެޓޫ މިހާތަނަށް އެފްރިކަން ނޭޝަންކަޕުގައި ޖެހި 18 ލަނޑަކީ އެ މުބާރާތުގައި އެއް ކުޅުންތެރިޔަކަށް އެންމެ ގިނައިން ޖެހުނު ލަނޑުގެ އަދަދެވެ.
އެޓޫ ވަނީ 1998 ވަނަ އަހަރާއި 2002 ވަނަ އަހަރާއި 2010 ވަނަ އަހަރު އަދި 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކެމަރޫންގެ ގައުމީ ޓީމުގައި ހިމެނިގެން އެޓީމަށް ކުޅުފައެވެ.
ހަތަރު ވޯލްޑްކަޕެއްގައި އަށް މެޗު ކުޅެ އެޓޫ ވަނީ ކެމަރޫން ޓީމަށް ތިން ލަނޑު ޖަހައިދީފައެވެ. ގައުމީޓީމަށް ޖަހައިދިން 54 ލަނޑާއެކު އެޓޫއަކީ ކެމަރޫންގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާާއެވެ.
ގައުމީޓީމަށް 11 އަހަރު ކުޅުމަށްފަހު ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލި އޮލޮންސޯ ވަނީއެ ޓީމާއެކު ދެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި އެއް ވޯލްޑްކަޕް ކާމިޔާބު ކޮށްފަައެވެ.
އޮލޮންސޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލަމުން ބުނެފަވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާ ލުމަކީ ފައްސޭހަ ކަމެއް ނޫންކަމަށާއި އެކަމަކު އެ ނިންމުން ނިންމަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި 11 އަހަރުވަންދެން ގައުމަށް ހިދުމަތްތަކެއް ކޮށްދެވިއްޖެ ކަމަށާއި އެއީ ހަޔާތުގައިވެސް ހަދާނުން ފޮހެލަންދަތިވާނެ ދުވަސް ތަކެއް ކަމަށް އޭނާ ބުންޏެވެ.
ސްޕެއިންގެ މިހާރުގެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ އާއި ކުރީގެ ކޯޗު ލުއިސް އަރަގޯނިސް އެއީ ވަރަށް ހާއްސަ ދެ ކޯޗުން ކަމަށް ވެސް އޮލޮންސޯ ބުންޏެވެ. "ޕްރޮފެޝަނަލީ" އަދި ޕާސަނަލީ" ކޮށްވެސް އޭނާއަށް ކުރިއެރުންތަކެއް ގެނައުމަށް އެދެކޯޗުންގެ އެހީތެރިކަން ލިބުނުކަމަށް އޮލޮންސޯ ބުންޏެވެ.
އުމުރުން 21 އަހަރުގައި 2003 ވަނަ އަހަރުގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅެންފެށި އޮލޮންސޯ ވަނީ އެޓީމަށް 114 މެޗު ކުޅެދީފައެވެ.