ގުޔާނާ : 1967 ގެ ހަނގުރާމައިގެ ކުރީގައި ފަލަސްތީނުގެ ސަރަޙައްދީ ރޮނގު އޮތް ހިސާބަކީ ފަލަސްތީނުގެ ދައުލަތް ކަމަށް ނިންމައި 1990 އިގެ ކުރީކޮޅު ޕީ.އެލް.އޯ. އިން އިޢްލާން ކޮށްފައިވާ ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތަށް ލެޓިން އެމެރިކާގެ ޤައުމެއް ކަމަށްވާ ގުޔާނާއިން ޢިޢްތިރާފް ވެއްޖެއެވެ. ގުޔާނާގެ ޚާރިޖިއްޔާއިން ބުނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމް ކޮށްގެންމެނުވީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ޙައްލެއް ނާންނާނެ ކަމުގައެވެ. އަދި މިނިވަން މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންގެންދާ ޖިހާދަކީ ޙައްޤު ޖިހާދެއް ކަމަށާއި މިނިވަންކަމާއި އަމިއްލަ ދައުލަތެއް ޤާއިމްކުރުމަކީ ފަލަސްތީނު ރައްޔިތުންނަށްވެސް ލިބިގެންވާ ޙައްޤެއް ކަމުގައެވެ.

ލެޓިން އެމެރިކާގެ އިތުރު 10 ޤައުމަކުން ވޭތުވެދިޔަ ހައެއްކަ ހަފްތާތެރޭގައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެ އެދައުލަތް ޤަބޫލުކޮށްފައެވެ. 1990 ގެ ކުރީކޮޅު ޕީ.އެލް.އޯ.އިން ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތް އިޢްލާން ކުރުމާއެކު ޢަރަބި ޤައުމުތަކާއި އިސްލާމީ ހުރިހާ ޤައުމަކުން އެދައުލަތަށް އިޢްތިރާފް ވެފައިވެއެވެ. ޢަރަބި އިސްލާމީ ޤައުމުތަކުގެ އިތުރުންވެސް އޭޝިޔާއާއި އެފްރިކާގެ ގިނަޤައުމުތަކާއި މެދުތެރޭ އެމެރިކާގެ ބައެއް ޤައުމުތަކުން އެދުވަސްވަރު ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފް ވެފައިވެއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތުގައި ހިމެނޭ ދެސަރަޙައްދު ކަމަށްވާ ޣައްޒާއާއި ހުޅަނގު އައްސޭރިވަނީ އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢްމާރުގެ ދަށުގައެވެ. މިދެސަރަޙައްދުން ފޭބުމަށް އިސްރާއީލަށް ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކަށް ސާޅީސް އަހަރު ވެފައިވާއިރުވެސް އިސްރާއީލުން ގެންދަނީ މިޤަރާރުތަކަށް ގޮންޖަހައި ހަރުކަށިކަން ދައްކައި އަނިޔާވެރިކަމާއި އަޅުވެތިކަން ކުރިޔަށް ނެރެމުންނެވެ. އަދި މިދެސަރަޙައްދު ދާއިމީ ގޮތަކަށް އަތްދަށުލުމަށްޓަކައި ދުނިޔޭގެ އެތަންމިތަނުން ޔަހޫދީން ގެނަސް މިތަންތަނުގައި ވަޒަންވެރި ކުރުވުމުގެ މަސައްކަތްވެސް ފާޅުކަންބޮޑު ގޮތެއްގައި އިސްރާއީލުން ކުރިޔަށް ގެންދެއެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕް އިސްރާއީލުގެ ޙިމާޔަތުގައި އޮތުމުގެ ސަަބަބުން އިސްރާއީލާ ދެކޮޅަށް ފިއްތުންތައް ކުރިމަތި ކުރުމުގައި އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢުވަނީ ނާކާމިޔާބުވެފައެވެ.