28 Aug 2014, 15:24
ކޯޓު އަމުރަކާ ނުލައި ޕާސްޕޯޓް ހިފެހެއްޓޭ ގޮތަށް އެހެން ގާނޫނެއްގައި ކަނޑައެޅިދާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫންގެ ގާނޫނަށް ނެގައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރީ ޕީޕީއެމާއި އެމްޑީޕީ އާއި އެމްޑީއޭގެ އިތުރުން ޖޭޕީގެ މެމްބަރުންގެ ވޯޓާ އެކު ޖަލްސާ އަށް ހާޒިރުވެ ތިއްބެވި 65 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައި ވަނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ރާއްޖެ އިން މީހަކު ފުރުން މަނާ ކުރެވޭނީ، ކޯޓު އަމުރެއްގެ ދަށުން، އެ އަމުރެއްގައި ކަނޑައެޅިފައިވާ މުއްދަތަށް ކަމަށެވެ.
ކޯޓު އަމުރަކާ ނުލައި މީހަކު ހައްޔަރު ކުރެވިދާނެ އުސޫލެއް އެއްވެސް ގާނޫނެއްގައި އަދި ކަނޑައަޅާފައި ނުވެ އެވެ.
އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހީމް ރިޒާ އެވެ. އޭނާ މަޖިލީހަށް އެ ބިލް ހުށަހެޅުއްވި އިރު އެ ބިލުގައި ބުނެފައި ވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ ބާރު ފުލުހުންގެ އިތުރުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ މިނިވަން މުއައްސަސާތަކަށް ލިބިގެންވާ ކަމަށެވެ.
އެ ބިލުގައިވާ ގޮތުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން އަންގާ އެންގުމަކަށް މީހެއްގެ ޕާސްޕޯޓް ހިފެހެއްޓޭނީ ގިނަވެގެން 24 ގަޑިއިރަށެވެ. އަދި 24 ގަޑިއިރަށް ވުރެ، އިތުރު މުއްދަތަކަށް ފާސްޕޯޓް ހިފެހެއްޓޭނީ ޝަރުއީ ކޯޓެއްގެ އަމުރަކުން ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ނަމަވެސް އެ ބިލު ދިރާސާ ކުރި ގައުމީ ސަލާމަތު ކޮމެޓީން ނިންމާފައި ވަނީ ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން އަންގާ އެންގުމަކަށް މީހެއްގެ ޕާސްޕޯޓް 24 ގަޑިއިރަށް ނުހިފެހެއްޓޭ ކަމަށެވެ. ނަމަވެސް ބިލުން އެ މާއްދާ ވަނީ އުނިކޮށްފަ އެވެ.