ރާއްޖޭގައި ފުރަތަމަ ފަހަރަށް 4ޖީގެ ހިދުމަތް ދިނުމަށް ވަތަނިއްޔާ އިން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ޓެލެކޮމިޔުނިކޭޝަންގެ ހިދުމަތް ދިނުމުގައި ފަސް އަހަރާއި ގާތްވެފައިވާ ވަތަނިއްޔާ އިން މިއަދު ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނީ އެ ކުންފުނިން 4 ޖީގެ ހިދުމަތަށް ތައްޔާރުކުރުމަށްޓަކައި ސިންގަލް ރޭޑިޔޯ އެކްސެސް ނެޓްވޯކެއް (ސިންގަލް ރޭންއެންޓަނާއެއް) މިހާރު ވަނީ ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ޓަވަރުގައި ޖަހާފައިވާ ކަމަށެވެ.

ވަތަނިއްޔާ އިން ބުނީ މިއީ މުޅި މި ރީޖަންގައި ވެސް ބެހެއްޓުނު މިފަދަ ފުރަތަމަ އެންޓަނާ ކަމަށެވެ. އެ ކުންފުނިން ބުނީ އެ އެންޓަނާ އަކީ ފަހުގެ ޓެކްނޮލޮޖީއަކަށް ވުމުން ތިމާވެއްޓާ ވެސް ވަރަށް ރައްޓެހިވާނެ ކަމަށާއި އެހެންވުމުން ކަރަންޓު މިހާރު ބޭނުން ކުރާ މިންވަރު 80 ޕަސެންޓަށް ކުޑަވެގެން ދާނެ ކަމަށެވެ.

ތުރީ ޖީ ހިދުމަތް ވެސް މިހާރުދެމުން އަންނަ ވަތަނިޔާގެ މެނޭޖަރު ހުސެން ނިޔާޒު މިއަދު ވިދާޅުވީ މިއީ ރާއްޖެއަށް ލިބިގެން އައި ވަރަށް ވެސް ފުރިހަމަ ކާމިޔާބީއެއް ކަމަށާއި މިއީ ދިވެހިން ފަހުރުވެރުވާން ޖެހޭ ކަމެއް ކަމަށެވެ.
"ވަތަނިއްޔާ އަބަދު ވެސް ބަލަނީ ޓެކްނޮލޮޖީގެ ދުނިޔޭގައި ހޯދޭ ކުރިއެރުންތަކާއި އެއްވަރަށް ވަތަނިއްޔާ ވެސް ކުރިއަށްދިޔުމަށް. އެގޮތުން އަބަދުވެސް ވަތަނިއްޔާ އިން އާޓެކްނޮލޮޖީތައް ތައާރަފްކުރަމުން މިއަންނަނީ." ނިޔާޒު ވިދާޅުވި އެވެ.