01 Apr 2010, 11:55
10:00
ޑިމޮކްރަސީން ލިބިދިން މިނިވަން ކަމަށް ހުރަސް އެޅި، ބައެއް ފަރާތްތަކުން އެ މިނިވަންކަމުގެ ބޭނުން ހިފާ ގޮތަކުން މުސްތަގުބަލުގެ ދަރިންނަށް އެ މިނިވަންކަން ނުލިބި ހިނގައިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތަށް 77 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުމަށްޓަކައި ދިވެހި ރައްޔިތުން ކުރި ބުރަ މިންނަތް މަސައްކަތުގެ މަތިން އެއްވެސް މީހަކު މިއަދު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އެ މިނިވަންކަމަށް ހުރަސްއަޅާ ގަދަދެއްކި މީހުން މިއަދު އެ މިނިވަންކަން ބޭނުންހިފާ ގޮތަކުން މާދަމާ އެ މަންޒަރު އެނޫން ގޮތަކަށް އަޅުގަނޑުމެންގެ ދަރިންނަށް ސިފަވެ، ޑިމޮކްރަސީން ލިބިދީފައިވާ އެފަދަ މިނިވަންކަން ހަނިވެގެން ހިގައިދާނެ ކަމަށެވެ.
ޑިމޮކުރަސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު ވެއްޔާ މޮޑެލުމަށް އޮތް ފުރުސަތެއް ކަމުގައި ދެކޭ މީހުން، ގާނޫނީ އިމުގެ ތެރެއަށް ގެނެސް، އެ މީހުންނަށް ހައްގު އަދަބު ދިނުމަށް ރައީސް ނަޝީދު ފުލުހުންނަށް ގޮވާލެއްވި އެވެ. އަދި ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމާއި އެއްބާވައްތަކަމާއި އަމަން އަމާން ދެމެހެއްޓުމަށްޓަކައި ފުލުހުންގެ އަދާ ކުރަމުންގެންދާ މަސްއޫލިއްޔަތާއި ޒިންމާ އަދާ ކުރުމުގައި އެންމެހައި ރައްޔިތުން އެއްބާރުލުން ދިނުމަށް ރައީސް ނަޝިދު ގޮވާލެއްވި އެވެ.
ފުލުހުންގެ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ހިމާޔަތާއި އަދާކުރަންޖެހޭ ވާޖިބާއި މަސްއޫލިއްޔަތު ތަކަށް ހުސްރަސްއެޅޭ ގޮތަކަށް އެއްވެސް ގާނުނެއް ބައްޓަން ވިޔަ ނުދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުންނަށް ރައީސް ނަޝީދު ދެއްވި އެވެ.
ރޭގެ އެ ޖަލްސާގައި ފުލުހުންގެ ހިދުމަތަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދީފައިވާ ފަރާތްތައް ފާހަގަކޮށް، އެ ކަމުގެ އަގުވަޒަންކޮށް ހަނދާނި ފިލައެއް ފުލުހުގެ ފަރާތުން ރައީސް ނަޝީދު އެ ފަރާތްތަކަށް އެރުއްވި އެވެ. އަދި ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕޯސްޓަރު ކުރެހުމުގެ މުބާރާތުން އެއްވަނަ އަށް ދިޔަ ފަރާތަށް ތައްޓާއި ހަނދާނީ ލިޔުން ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒު މުހައްމަދު ޝިހާބެވެ.