ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށް ފަހު ޗުއްޓީ އަށް ގޮސްފި އެވެ.

އެއް މަސް ދުވަހުގެ ޗުއްޓީ އަށް ދިއުމުގެ ކުރިން މިއަދު އޮތް އެންމެ ފަހު ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ މަޖިލިސް ޗުއްޓީ އަކަށް ދަނީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ހިޔާލު ހޯދުމަށާއި މަސައްކަތުގައި ހުސްވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން ނިންމާލާފައި މިދަނީ އެއްވެސް ހާލަތެއްގައި ޗުއްޓީއަކަށް ނޫން. ކޮންމެ މަސައްކަތްތަކެއް ކުރަމުންދާއިރު ވެސް އެ މަސައްކަތަށް ދޭން ޖެހޭ ހުސްވަގުތު ދޭންޖެހޭ. އަދި ރައްޔިތުންނާއި މަޝްވަރާ ކުރަން ޖެހޭ ވަގުތު ވެސް އާދެ. އެގޮތުން ގަވައިދު ހަމަޖެހިގައި އޮންނަ ގޮތުން، އަދި ދުނިޔޭގެ ކުރިއަރާފައި އޮންނަ ގައުމުތަކުގައި ވެސް މިކަންކަން އޮންނަ އުސޫލުގައިވާ ގޮތުން ރައްޔިތުނަށް ލިބެން ޖެހޭ ޖާގައަށް ވަގުތު ދިނުމުގެ ގޮތުން ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މި ބާއްވަނީ." މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ މިހާރު ހިނގަމުންދާ މަޖިލީހަކީ ޑިމޮކްރަސީ ހިނގަމުންދާ ފަދައިން ދެބަސްވާން ޖެހޭ ހިނދު ދެ ބަސްވެ ކަންތައް ޑިމޮކްރަސީއާ އެއްގޮތަށް ކުރިއަށްދާ މަޖިލީހެއް ކަށެވެ.

"މި އިއްޒަތްތެރި ރައްޔިތުން މަޖިލީހުގައި ހުރިހާ އިއްޒަތްތެރި މެމްބަރުން ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމާއި ރައްޔިތުން އެއީ އެންމެ މުހިންމު ކަންކަން ދަނެގެން ރައްޔިތުންނަށް ލާބަޔާއި މަންފާ އަށް އެދިގެން. އެއީ އަޅުގަނޑު ދެކޭ ގޮތުގައި މިވީ 30 ޖަލްސާ އިން ފެނުނު ކަމަކީ،"

މިއަހަރުގެ ދެ ވަނަ ދައުރުގެ 30 ޖަލްސާ ބާއްވާފައިވާ އިރު މުހިންމު ގިނަ ބިލްތަކެއް ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ސުޕެޝަލް އިކްނޮމިކް ޒޯންގެ ބިލް ވަނީ ރޭ ފާސްކޮށްފަ އެވެ.

ގިނަ މިނިވަން މުވައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމަށް މި އަހަރުގެ ދެ ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަބްދުލް އަޒީމް ޖަމާލު އަބޫބަކުރު އައްޔަން ކުރުމާއި ޕްރޮސެކިއުޓާ ޖެނަރަލް މަގާމަށް މުމްތާޒް ފަހުމީ އައްޔަން ކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން އަބްދުލް ހަންނާނު އަހުމަދު އައްޔަން ކުރުމަށް ފާސްކުރުމާއ އެ ކޮމިޝަނަށް ރައްޔިތުން މަޖިލީހުގެ ފަރާތުން އިންނަވާ މެމްބަރު ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އައްޔަން ކުރުމުގެ އިތުރުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ފާތިމަތު ސަރީރާ އަލީ ޝަރީފް އައްޔަން ކުރެއްވުން ހިމެނެ އެވެ.