މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ދައުލަތާއި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި ދައުލަތުގެ އެއްވެސް ޒިންމާއެއް ނޯންނާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުގައި މިއަދު ހިންގި ޝަރީއަތުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ ސަފާ ޝަރީފް ވިދާޅުވީ އެމްބީސީގެ ދައުވާ އަށް ކަނޑައެޅިގެން އިންކާރު ކުރާ ކަމަށެވެ. އަދި އެމްއެންބީސީއަކީ ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ގާނޫނީ ވަކި ޝަހްސެއް ކަމަށް ފާހަގަ ކުރައްވަމުން ވަކީލާ ވިދާޅުވީ އެ މައްސަލައިގައި ދައުލަތުގެ އެއްވެސް ޒިންމާއެއް ނެތް ކަމަށެވެ.

ވަކީލާ ވިދާޅުވީ މީގެ ކުރިން އެމްބީސީން ދައުވާ ކުރި މައްސަލައިގައި ވެސް އެންމެ ފުރަތަމަ މަރުހަލާގައި ދައުލަތުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި މަދަނީ ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފުރަތަމަ މަރުހަލާގައި ދައުލަތަށް ނުވަތަ އެމްއެންބީސީގެ މެންބަރަކަށް ޖަވާބުދާރީވާންޖެހުމަކީ ކުންފުންޏާ ބެހޭ ގާނޫނުގެ ބާރު ކަނޑުވާލުން ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު އަހުމަދު ހުޝާމް ވިދާޅުވީ އެ މައްސަލައަކީ ހަމަ ކުރިން ވެސް ހުށަހެޅި ފަދަ މައްސަލައެއް ކަމަށާއި މި ދައުވާގައި ވެސް އެދިފައި ވަނީ އެއް ކަންތައްތަކެއް ހާސިލް ކުރުމަށް ކަމަށެވެ. އަދި އާންމުކޮށް މިފަދަ މައްސަލަތައް ކުރިއަށް ގެންދިއުމަށް ކޯޓުން ފުރުސަތު ނުދޭ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެމްބީސީގެ ދައުވާ އަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އެމްއެންބީސީ އަދި އެމްއެންބީސީގެ ޑިރެކްޓަރުންގެ ފަރާތުން ވަކީލު ޝަހުދީ އަންވަރު ވިދާޅުވީ، އެމްބީސީން ހޯދުމަށް އެދިފައިވާ މުދަލާއި އިންސާނީ ވަސީލަތްތަކަކީ ޑިސެމްބރު 22، 2008 ގައި އެމްއެންބީސީ އާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއެންބީސީއަށް ލިބިފައިވާ ހައްގުތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެ ހައްގުތަކަކީ ނިގުޅައިގަނެވޭނެ ހައްގުތަކެއް ނޫން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ އެމްބީސީ އުފެއްދުމުގެ ގާނޫނު ވުޖޫދަށް އައިސްފައި ވަނީ އެމްއެންބީސީ އުފެދި މުދަލާއި ވަސީލަތްތައް ވެސް އެ ކުންފުންޏަށް ގާނޫނީ ގޮތުން ބަދަލު ކުރި ފަހުން ކަމަށެވެ. އެހެންކަމުން ފަހުން އައި ގާނޫނަކުން ރެޓްރޮސްޕެކްޓިވްކޮށް ކަންތަކެއް ނުކުރެވޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި އެދިވަޑައިގަތީ އެމްބީސީން ހޯދުމަށް އެދިފައިވާ މުދަލާއި އިންސާނީ ވަސީލަތްތަކަކީ އެމްއެންބީސީގެ ހައްގެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެމްބީސީގެ ވަކީލާ އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ މި މައްސަލައިގައި ދައުލަތުގެ މައްޗަށް ދައުވާ ކުރަނީ ހޯދަން އެދިފައިވާ މުދާތަކާއި ބިންތަކަކީ ކުރިން ދައުލަތުގެ ތަކެތި ކަމުގައިވާތީ އެކަމުގައި ދައުލަތުގެ ވެސް ޒިންމާއެއް އޮތް ކަމަށް ފެންނާތީ ކަމަށެވެ. އަދި އެމްއެންބީސީގެ ބޯޑުގެ މެންބަރުންގެ މައްޗަށް ދައުވާ ކުރަނީ ބޯޑު މެންބަރުންގެ ވެސް ފަރުދީ ޒިންމާއެއް މިކަމުގައި އޮތް ކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާޒީ އާއިޝާ ސުޖޫން މުހައްމަދު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ދައުލަތާއި އެމްއެންބީސީގެ ޖަވާބަށް ރައްދު ދެއްވުމަށް އާޒިމާއަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.