ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ވ.ފެލިދޫ ޖަބުރޯލުމާގެ އިބްރާހީމް ޝިފާހު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 6:50 އެހައިކަންހާއިރު ރާއްޖެއަށް ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މޯލްޑިވިއަންގެ ފްލައިޓަކުން އޭނާ މާލެ އައިއިރު އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އޭނާގެ ހަށިގަނޑާއި ތަކެތި ބަލައިފާސްކުރިކުރުމުގައި އޭނާގެ ވޮލެޓުގެ ތެރެއިން ބަރުދަނުގައި 0.2086 ގްރާމްހުރި 16 ކެނެބިސްއޮށާއި އަދި އޭނާގެ ބެކްޕެކް ތެރެއިން ބަރުދަނުގައި 0.2584 ގްރާމްހުރި 27 ކެނަބިސްއޮށް ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.