ކ. ތުލުސްދޫ ބިޖިލީއުފާ، އަލީ ޝިހާމް މަރާލި ކަމަށް ތުހުމަތު ކުރެވޭ އެ ރަށު ރެޑްރޯސް މުހައްމަދު ނިޔާޒުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު ބާއްވަން ތާވަލްކުރި ޝަރީއަތް ކެންސަލްކޮށްފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެންކަމަށެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހުގެ 19 ވަނަ ދުވަހު ބޭއްވި އިރި ނިޔާޒު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

އެދުވަހުގެ ޝަރީއަތުގައި ނިޔާޒު ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ޝިހާމް އޭނާ ދިރިއުޅޭ ގެއާދިމާލު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޮއްވައި ދެ ފަހަރެއްގެ މަތިން ބައިސްކަލުގައި އޭނާ އެތަނަށް ދިޔަ ކަމަށެވެ. އެގޮތުން ފުރަތަމަ 6:45 ގައި އެތަނަށް ދިޔުމަށްފަހު އެނބުރި ގޮސް ދެވަނަ ފަހަރަށް 7:00 ގައި ދިޔައިރު ޝިހާމް ފޯނާ ކުޅެން އޮތް އިރު، އޭނަގެ ގަޔަށް ފޯނުގެ ލައިޓު އެޅިފައި ހުރި ކަމަށް ޝިހާމް ބުންޏެވެ.

އޭނާ ބުނީ ޝިހާމްގެ މެޔަށް ވަޅި ހެރީ މަރާލުމުގެ ގަސްދު އޮވެގެން ނޫން ކަމަށާއި އެއީ އޭނައަށް ހަމަލާދިނުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށެވެ. އަދި ހަމަލާދިނުމަށްފަހު އަވަސް އަވަހަށް އެތަނުން ދިޔަ ކަމަށް ވެސް ނިޔާޒު ބުންޏެވެ.

ހަމަލާދިނުމަށްފަހު ގެއަށް ގޮސް މަންމަ ކައިރީގައި އެ ވާހަކަ ބުނި ކަމަށާއި އަދި އޭގެ އިތުރުން ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ގުޅައި އެކަން ކިޔައިދީފައިވާނެ ކަމަށް ވެސް ނިޔާޒު ބުންޏެވެ.

ނިޔާޒު ދައުވާ އަށް އިއުތިރާފުވި ނަމަވެސް އެކަމުގެ މައްޗަށް ބާރުދޭ ހެއްކާއި ގަރީނާ ދައުލަތުން ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ. އެގޮތުން އޭނާގެ އާއިލާގެ ފަސް މީހެއްގެ ބަޔާނާއި ތުލުސްދޫގެ ތިން މީހެއްގެ ބަޔާން ވެސް ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.

ގާޒީ ވިދާޅުވީ އެ މީހުން ޝަރީއަތަށް ހާޒިރުކޮށް ހެކިބަސްނެގުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށްފައި ވަނީ ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ގަސްދުގައި މީހުން މެރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ބެހޭ ގަވާއިދާ އެއްގޮތަށް ކަމަށާއި ނިޔާޒުގެ އިއުތިރާފު ބަޔާނުން އެކަން އެނގިގެންދާނެ ކަމަށެވެ.

ދައުލަތުން ހުށަހެޅި ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމުން ނިޔާޒު ބުނީ އެއީ ސައްޚަ ހެކިތަކެއް ކަމަށާއި އެއްވެސް ހެއްކަކާ މެދު އިންކާރު ނުކުރާ ކަމަށެވެ.

އެ މައްސަލައިގައި ދެން އޮންނާނީ ޝިހާމްގެ ވާރިސުންގެ ބަޔާން ނެގުމެވެ.