28 Aug 2014, 10:41
ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރަމުން ދިޔަ، އެރަށު ސީވިއު، ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) މަރާލި މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ހއ. ހޯރަފުށީ ސޯސަންވިލާ ނުއުމާން އަބްދުﷲ އާއި އެރަށު އުންމީދީ މަންޒިލް އަހްމަދު އިބްރާހީމްގެ އިތުރުން އެރަށު ޅޮހީގޭ މުހައްމަދު ލަތީފްގެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ ދައުލަތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ފޮރެންސިކް ތަހުލީލުތައް ހެދި ފުލުހުން ކޯޓަށް ހާޒިރު ނުކުރެވޭތީ ކަމަށެވެ.
އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ތަހުގީގު ކުރިއަށް ދިޔައިރު ފުލުހުން ނަގާފައިވާ ވިޑިއޯ ފްޓޭޖުތަކާ ބެހޭ ގޮތުން ވާހަކަދެއްކުމެވެ. އެގޮތުން އެ ތިން މީހުންގެ ފަރާތުން ވެސް ބުނެފައި ވަނީ ތަހުގީގު މަރުހަލާގައި އެމީހުންގެ ބަޔާން ނަގާފައި ވަނީ މަޖުބޫރުކޮށްގެން ކަމަށާއި ވީޑިއޯ އިން އެކަން ފެންނަ ކަމަށެވެ.
އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަސް މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސް ތަކުގައި ވަނީ ނަގައިފަ އެވެ.
އެ އެންމެންގެ މައްޗަށް ވެސް ވައްކަމާއި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ހުސޭނުބޭގެ ގެއިން ވައްކަންކުރުމަށްފަހު، އޭނާ ރަހީނުކޮށް މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ހުސޭނުބޭ ދިރިއުޅޭ ގެއިން 100،000އަށް ވުރެ ގިނަ ރުފިޔާ އާއި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށް ދައުލަތުން އެމީހުންގެ މައްޗަށް ކުރި ދައުވާގައި ވެއެވެ.
އުމުރުން 76 އަހަރުގެ ހުސޭނުބޭ މަރާލާފައި އޮއްވާ ފެނުނީ އެރަށު ފަޅު ގޯއްޗެއްގެ ތެރެއަށް އެއްލާފައި ވަނިކޮށެވެ.