ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ މިއަދު ހެނދުނުގެ ގާތްގަނޑަކަށް 07:00 އެހާކަންހާ އިރު ނިރޮޅުމަގުގެ އެއްކައިރީގައި މަޑުކޮށްގެން އިން ސައިކަލެއް ދުއްވާލި ވަގުތު އެ މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބިފައި ވަނީ މަގުގައި އެއް ފަރާތެއްގައި މަޑުކޮށްގެން އިން ސައިކަލްގެ ފަހަތުގައި އިން އުމުރުން 15 އަހަރުގެ ކުއްޖާ އަަށް ކަމަށާއި އޭނާ އަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބިފައި ވަނީ އެކުއްޖާގެ ބޮލަށް ކަމަށެވެ.

އެ އެކްސިޑެންޓްގައި ހިނގުމާ އެކު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ފިލާފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.