ޣައްޒާގެ ހަނގުރާމައިގާ ފަލަސްތީނު މުޖާހިދުންގެ އަތްދަށުން އިސްރާއީލު ބަލިވި ބަލިވުމަކީ ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ދައުލަތް އުފެއްދިފަހުން އިސްރާއީލު ތަހައްމަލް ކުރަންޖެހުނު އެންމެ ހިތްދަތި އަދި މާޔޫސީ ނާކާމިޔާބީކަމަށް އިސްރާއީލުގެ މުޙައްލިލުން ސިފަކުރައްވައިފި އެވެ.

އިސްރާއީލުގެ ސިޔާސީ މުޙައްލިލެއް ކަމަށްވާ ޓެލްއަވީވް ޔުނިވަސިޓީގެ ސޯސިއޮލޮޖީއާބެހޭ ޕްރޮފެސަރު ޔަހޫދާ ޝިންހާފް ވިދާޅުވީ ޣައްޒާގެ ހަނގުރާމައިން އިސްރާއީލުގެ އާންމުންނަށް ބޮޑު މާޔޫސްކަމެއް ގެނަސްފި ކަމަށާއި އިސްރާއީލުގެ ދެކުނުގެ ސަރަހައްދުގެ ރަށްތަކާއި ވިލެޖްތައް ފަލަސްތީނު މުޖާހިދުންގެ ރޮކެޓް ހަމަލާތަކާއި މޯޓަރު ބަޑީގެ ޙަމަލާތަކުގެ ސަބަބުން މީހުން ދިރިނޫޅޭ ފަޅުތަންތަނަށް ބަދަލުވެފައި ކަމުގަ އެވެ.

ޔަހޫދާ ވިދާޅުވީ ޣައްޒާގެ ހަނގުރާމަ ނިންމާލަން އިސްރާއީލަށް ޖެހުނީ އެހަނގުރާމައިން ޙާސިލްކުރަންބޭނުންވި އެއްވެސް މަގްސަދެއް ޙާސިލް ނުކުރެވުމުގެ އިތުރުން ދޫތަކެއް ވެސް ދޭން މަޖްބޫރުވެގެންކަން އިސްރާއީލުގެ އާންމުން ގަބޫލުކުރާ ކަމުގަ އެވެ. އިސްރާއީލު އުފެދުނު ފަހުން އެގައުމުގެ ރައްޔިތުން މިވަރުގެ ބޮޑު ބައްޔެއް އިހްސާސްކުރަންޖެހިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގި އުދުވާނުގައި ޣައްޒާގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ މަދަނީ އިންފްރާސްޓްރަކްޗާ އާއި އާންމުންގެ ގެދޮރާއި ޣައްޒާގެ އިމާރާތްތަކުގެ ބޮޑުބައެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބިމާ ހަމަކޮށްލުމުގައި އިސްރާއީލުގެ ބޭނުމަކީ ޣައްޒާގެ ރައްޔިތުންނަށް ބިރުދެއްކުމެވެ. އަދި ފަލަސްތީނުގެ ދެހާހަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 60 އަށް ވުރެގިނަ ފަލަސްތީނުގެ އާއިލާތައް ވުޖޫދުން އެއްކޮށް ފުހެލުމުގެ ބޭނުމަކީ ވެސް އިސްރާއީލުގެ ގަފަފަދަ ބާރާއި އަސްކަރީ ހައިބަތު ދެއްކުމާއި އިސްރާއީލާ ކުޅެލައިފި ނަމަ ނޫނީ އިސްރާއީލުގެ އަމަންއަމާންކަން ނަގާލައިފި ނަމަ އެބަޔަކު ކުރިމަތިލާންޖެހޭނީ މިފަދަ ބޮޑު ކާރިސާއަކާ ކަން ފަލަސްތީނުގެ ރައްޔިތުންނަށް ދައްކައި އެމީހުން ބިރުގަންނަވައިގެން އަމާން ދިނުމަށް މަޖްބޫރު ކުރުވުމެވެ.

ނަމަވެސް މިޖަރީމާތައް ހިންގައިގެން ޣައްޒާގެ ރައްޔިތުންނާއި ފަލަސްތީނު މުޖާހިދުން ނަފްސާނީގޮތުންނާއި މަޢްނަވީ ގޮތުން ބަލިކޮށްލުމުގައި އިސްރާއީލަށް އެއްވެސް ކާމިޔާބު ހޯދިފައެއްނުވެ އެވެ. އަދި ޙަމާސްޖަމާއަތާއި ފަލަސްތީނު މުޖާހިދުންގެ އެހެންޖަމާއަތްތަކުގެ ޢަސްކަރީ އިންފްރާސްޓްރަކްޗަރ ހަލާކުކޮށް ނުލެވުމާއި ޙަމާސްގެ އިސްލީޑަރުން ޝަހީދުކޮށްނުލެވުމަކީ ވެސް އިސްރާއީލަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށް އިސްރާއީލުގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިސްރާއީލުގެ އެހެން މުހައްލިލެއް ކަމަށްވާ އޮވީރު ބެންޔީސް ވިދާޅުވީ ޣައްޒާއަށް އެއްގަމު މަގުން އިސްރާއީލު ސިފައިން އަރައިގެން ވެސް ޙަމާސްގެ ބިންގަރާސްތައް ހަލާކުކޮށްނުލެވުމާއި އަދި ޙަމާސްގެ ރޮކެޓް ޙަމަލާތައް ކުރިޔަށް ވުރެ ވެސް ވަރުގަދަވެ އެހަމަލާތަކުން ސަލާމަތްވުމަށް އިސްރާއީލުގެ ރައްޔިތުން ފިލަން ދުވަނިކޮށް ހަނގުރާމަ ހުއްޓާލަން ޖެހުމަކީ އިސްރާއީލު ބަލިވެއްޖެ ކަމަށް އިސްރާއީލުގެ ރައްޔިތުންނަށް ގަބޫލުކުރެވުނު މައިގަނޑު ސަބަބު ކަމުގަ އެވެ. ޙަމަލާތައް ހުއްޓާލިތާ އެއްދުވަސް ފަހުން ނަތަނިޔާހޫ ވަނީ ޙަމާސް އަށް ވަރުގަދަ ފިލާވަޅެއް ލިބިއްޖެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ޙަމާސް އެދުނު މިންވަރަށް ޣައްޒާގެ ޙިސާރު ނައްތާލުމަށް އިސްރާއީލު އެއްބަސްވެފައިނުވާނެ ކަމަށް ވެސް ނަތަނިޔާހޫ ވިދާޅުވި އެވެ.

އިސްރާއީލުގެ ޗެނަލް 2 ޓީވީ ނެޓްވާކުން ކުރި އާންމު ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން ޣައްޒާގެ ހަނގުރާމައިގާ އިސްރާއީލު ބަލިވި ކަމަށް އިސްރާއީލުގެ އާންމުންގެ 85 އިންސައްތަ މީހުން ދެކެ އެވެ. އަދި އިސްރާއީލުގެ ބާރުގަދަ ލަޝްކަރުތަކުގެ މައްޗަށް ފަލަސްތީނުގެ މުޖާހިދުން ވަރަށް އާދައިގެ ހަތިޔާރާ އެކު ޙިސާރުގެ ފިޔަވަޅުތަކުގައި ތާށިވެފައި ތިބެގެން ވެސް ހައިރާން ކުރުވަނިވި ކާމިޔާބެއް ހޯދާފައިވާ ކަމަށް ވެސް އިސްރާއީލުގެ އާންމުންގެ 70 އިންސައްތަ މީހުން ދެކޭކަން މިސާވޭން ހާމަވެފައިވެ އެވެ.

އަނެއްކޮޅުން ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އެއްބަސްވެވަޑައިގަތުމަށް ފަހު އެކަމާބެހޭ ގޮތުން އެއްވެސް ބަޔާނެއް ނުދެއްވައި ނަތަނިޔާހޫ ހަނުހުންނެވުމާއި އެސްއެމްއެސްގެ ޒަރީއާ އިން މެނުވީ އިސްރާއީލުގެ ކެބިނެޓްގެ މެންބަރުންނާ ވެސް ނަތަނިޔާހޫ އެކަން ޙިއްސާ ނުކުރެއްވުމާއި މިމައްސަލާގައި ކެބިނެޓް މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެފައި ވުމަކީ އިސްރާއީލު ބަލިވިކަމުގެ ހިތިރަހަ އިސްރާއީލުގެ އާންމުންނަށް އިޙްސާސް ކުރެވުނު މިންވަރު ބޮޑުވެގެން ދިޔަކަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ މައްޗަށް ނަސްރާއި ކާމިޔާބީ އިޢްލާން ކުރުމުގެ ފުރްސަތު ޙަމާސް އަށް ލިބިގެން ދިޔަކަމަށް އިސްރާއީލުގައި ޝާއިޢުކުރެވުނު މީޑިޔާ ރިޕޯޓްތައް ވެސް ބުނެ އެވެ.

އިސްރާއީލާއި އަރަބި ގައުމުތަކުގެ ސިފައިންނާ ދެމެދު ކުރި ހަނގުރާމަތަކުގައި އިސްރާއީލަށް ބޮޑެތި ކާމިޔާބު ލިބިފައިވީ ނަމަވެސް ހަމާސްއާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތް ފަދަ އަރަބި ޢަސްކަރީ ޖަމާއަތްތަކާއި އިސްރާއީލާ ދެމެދު ކުރި އެއްވެސް ހަނގުރާމައެއްގައި އިސްރާއީލަށް އެއްވެސް ކާމިޔާބެއް ލިބިފައެއްނުވެ އެވެ. އިސްރާއީލަށް އެންމެ ފުރަތަމަ ލިބުނު ނާކާމިޔާބީއަކީ ހިޒްބުﷲ އިންކުރި ޖިހާދާ ގުޅިގެން 1994 ވަނަ އަހަރު ދެކުނު ލުބްނާނުގެ ބިންތަކުން އިސްރާއީލު ސިފައިން ފައްސާލުމެވެ.

އެއަށް ފަހު 2005 ވަނަ އަހަރު އިސްރާއީލުން ލުބްނާނާ ދެކޮޅަށް ކުރި ހަނގުރާމައިގާ ހިޒްބުﷲ ވަނީ ފުރަތަމަ ފަހަރަށް އިސްރާއީލުގެ ބޮޑެތި ސިޓީތަކަށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއްދީގެން އިސްރާއީލު ހަމަބިމަށް ތިރކޮށް ހިޒްބުﷲގެ ޝަރުތަކާއެއް ގޮތަށް ހަނގުރާމަ ހުއްޓާލަން އިސްރާއީލަށް މަޖްބޫރުކޮށްފަ އެވެ. އެފަހަރު އިސްރާއީލުން އިއްލާންކުރި ލަނޑުދަނޑިއަކީ ހިޒްބުﷲ ނެތިކޮށްލުމެވެ. ނޫނީ އެޖަމާއަތުގެ އަތުން ހަތިޔާރު ނިގުޅައި ގަތުމެވެ. ނަމަވެސް ދެހަފްތާއަށް ފަހު ހަނގުރާމަ ހުއްޓާލަން ޖެހުނީ މިއިން އެއްވެސް ކަމެއް ހާސިލް ނުވެ ހިޒްބުﷲ އިން އިސްރާއީލުގެ ރަށްތަކަށް ފޮނުވި ރޮކެޓް ޙަމަލާތަކަށް ކެތްނުކުރެވި އިސްރާއީލުގެ އެތަށްބަޔަކު ވެސް މަރުވެގެންނެވެ.

ހިޒްބުﷲ އިން އިސްރާއީލުގެ މައްޗަށް ހޯދި ނަސްރަށް ފަހު ހަމާސުން ވެސް އިސްރާއީލާ ދެކޮޅަށް ބޭނުންކުރަންފެށީ ހިޒްބުﷲގެ އިންވެސް ބޭނުންކުރި ޢަސްކަރީ ޓެކްޓިކްސްއާއި ސްޓްރެޓެޖީއާއި އަސްކަރީ ޢަގީދާ އެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ހިޒްބުﷲ ތާށިވެފައިވީ ނަމަވެސް ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އުދުވާން ފެށުމާ އެކު ޙިޒްބުﷲ ގެ ވެރިޔާ އައްޝައިޚް ޙަސަން ނަސްރުﷲ ވަނީ ހަމާސްގެ ލީޑަރުންނާ ފޯނުން ގުޅުއްވައި ހަމާސްގެ ފަހަތުގައި އެޖަމާއަތް އޮތްކަން ހާމަކުރައްވާފަ އެވެ.

ޙިޒްބުﷲ އިން ވެސް އިސްރާއީލާ ދެކޮޅަށް ބޭނުންކުރި ފަދަ އަސްކަރީ އުކުޅުތަކާ ޓެކްޓިކްސްއާއި ޢަސްކަރީ އަގީދާ ބޭނުންކޮށްގެން ކުރި ތިން ހަނގުރާމައިގައި ވެސް އިސްރާއީލުގެ ބާރުގަދަ ލަޝްކަރުތަކަށް ހަމާސް ބަލިކޮށްލެވިފައެއްނުވެ އެވެ. އަދި އެންމެ ފަހުން އިސްރާއީލުން ފެށި ޣައްޒާގެ އުދުވާންގައި ޙަމާސްއާއި ފަލަސްތީނުގެ މުޖާހިދުން މިވަނީ މިހާތަނަށް އިސްރާއީލުގެ މައްޗަށް ނުހޯދޭ ފަދަ އަސްކަރީ ނަސްރެއް ހޯދާފަ އެވެ. މިފަހަރުގެ ހަނގުރާމައިގާ ޙަމާސްވަނީ އިސްރާއީލު ބަލިކޮށްލުމުގައި ހިޒްބުﷲ އަށް ވުރެވެސް މޮޅު އައު ހުނަރުތަކާއި އަސްކަރީ ޓެކްޓިކްތަކާއި ސްޓްރެޓެޖީތައް ބޭނުންކޮށްފަ އެވެ. (ނޫސްއެޖެންސީތައް)