28 Aug 2014, 10:04
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންތިހާބު ބޭއްވުމަށް ރާއްޖޭގެ މީޑީއާތަކުގެ ބޭފުޅުން ހިމެނޭ ގޮތަށް ކޮމެޓީއެއް އުފައްދައިފި އެވެ.
އެމްޖޭއޭގެ އިންތިހާބު ބޭއްވުމަށް މީޑިއާތަކުން ހޮއްވެވި ކޮމެޓީގައި ހިމެނެނީ ހަވީރު ނޫހުގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހުމަދު ހަމްދޫނާއި ސަން އޮންލައިންގެ އެސިސްޓެންޓް އެޑިޓަރު އިބްރާހިމް ޒަކީ އާއި ވީ ނިއުސްގެ ސީނިއާ އެޑިޓަރު އަހުމަދު ރިފާއު އާއި ދުވަސް ޑޮޓް އެމްވީގެ އެޑިޓަރު އަޒްމީ އަލީގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނެވެ.
އެމްޖޭއޭގެ އިންތިހާބު ބޭއްވުމަށް އެ ކޮމެޓީ އަށް މެމްބަރުން އައްޔަން ކުރީ އެ ޖަމިއްޔާގެ ތިން މުއައްސަސުންނާ އެކު ރޭ ބޭއްވި ހިންގާ ކޮމެޓީގެ ބައްދަލުވުމެއްގަ އެވެ. އިންތިހާބާ ބެހޭ ކޮމެޓީ އަށް މިރޭ އައްޔަން ކުރި ފަސް ބޭފުޅުންގެ އިތުރަށް އެމްޖޭއޭގެ ހިންގާ ކޮމެޓީ އަށް 2011 ވަނަ އަހަރު އިންތިހާބު ކުރި ހަ މެމްބަރުން ވެސް އެ ކޮމެޓީގައި ހިމެނެ އެވެ.
އެމްޖޭއޭގެ ހިންގާ ކޮމެޓީގައި ހިމެނެނީ ޖަމިއްޔާގެ ނައިބު ރައީސް އަލީ ޝަންމާން އާއި އެމްޖޭއޭގެ ސެކަރެޓަރީ މުންޑޫ އާދަމް ހަލީމާއި ހަޒާންދާރު މިދުހަތު އާދަމާއި އާންމު މެމްބަރުންގެ ތެރެއިން ހިންގާ ކޮމެޓީއަށް އިންތިހާބުކޮށްފައިވާ ހުސައިން ހަސަން އާއި އަލީ ޔޫސުފެވެ. އެމްޖޭއޭގެ ހިންގާ ކޮމެޓީގައި ޖަމިއްޔާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި އަހުމަދު ޒާހިރު (ހިރިގާ) ވެސް ހިމެނެ އެވެ. ޖަމިއްޔާގެ ހިންގާ ކޮމެޓީގައި ހިރިގާ ހިމެނެނީ އެމްޖޭއޭގެ މުއައްސިސުގެ ހައިސިއްޔަތުންނެވެ.
އެމްޖޭއޭގެ ހިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކައި އިންތިހާބާ ބެހޭ ކޮމެޓީއަށް އައްޔަން ކުރި މެމްބަރުންނާ އެކު ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވާނެ އެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު އެމްޖޭއޭގެ އިންތިހާބު ބާއްވާނެ ތާރީހަކާއި އިންތިހާބަށް ކުރިމަތިލުމުގައި އާންމު މެމްބަރުން އަމަލު ކުރާނެ އުސޫލެއް ކަނޑައަޅާނެ އެވެ.
ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރުމަށް އެމްޖޭއޭ އުފެދުނީ އެޕްރީލް 1، 2009 ގައި އެވެ. އެ ޖަމިއްޔާއަކީ ބައިނަލް އަގުވާމީ ނޫސްވެރިންގެ ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިޒަމް (އައިއެފްޖޭ)ގެ މެމްބަރެކެވެ.