28 Aug 2014, 10:01
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފާމަސީއެއް ގާއިމުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހއ. އުލިގަމުގައި ވެސް އެސްޓީއޯ އިން ފާމަސީއެއް ހުޅުވައިފި އެވެ.
އެސްޓީއޯ އިން މިއަދު ބުނީ އުލިގަމުގައި ހުޅުވި ފާމަސީ އިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ. އުލިގަމުގައި ހުޅުވި އެސްޓީއޯ ފާމަސީއާ އެކު އެ ކުންފުނީގެ ފާމަސީތަކުގެ އަދަދު މިހާރު 19 އަށް އަރައެވެ.
އެ ކުންފުނިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ގާއިމް ކުރުމަށް ކުރިއަށް ގެންދާ ބޮޑު މަޝްރޫއުއަށް ލޯކަލް ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވީ، ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހެދުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށް ވުން ކަމަށެވެ.
"އެކަމަށް ކުރަންޖެހޭ މަސައްކަތްތަށް މި އަންނަނީ ސަރުކާރާ ގުޅިގެން ކުރަމުން. އިރާދަކުރެއްވިއްޔާ ފާމަސީއަކަށް ފަހު ފާމަސީއެއް ހުޅުވަމުންގޮސް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަޅުގަނޑުމެންގެ ފާމަސީއެއް ހުޅުވާނަން." އާޒިމް ވިދާޅުވި އެވެ.
ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.