ތެހެރާން (އޮގަސްޓް 28) : ޔޫރޭނިޔަމް ފައްކާކުރުމަށް އީރާނުން އެންމެފަހުން އީޖާދުކުރި ސެންޓްރިފިއުޖް މެޝިންތަކުގެ ފެންވަރު ބެލުމަށްޓަކައި އެމެޝިންތަކުގެ މެކޭނިކަލް ޓެސްޓްތަކެއް ކޮށްފިކަން އެގައުމުން ހާމަކޮށްފި އެވެ.

އީރާނުގެ ނިއުކްލިޔާ ހަކަތައާ ބެހޭ އިދާރާގެ ވެރިޔާ ޑރ. އަލީ އަކްބަރު ސާލިހީ ވިދާޅުވީ ސެންޓްރިފިއުޖްގެ އައު މެޝިންތައް އުފެއްދުމާއި އޭގެ ޓެކްނޮލޮޖީ ތަރައްގީކުރުން ބައިނަލްއަގްވާމީ އެއްވެސް ގާނޫނަކުން އަދި މުޢަހަދާއަކުން ވެސް އީރާނަށް މަނާ ނުކުރާކަމަށާއި ނިއުކްލިޔާ ޓެކްނޮލޮޖީގެ އައު އީޖާދުތަކާއި ނިއުކްލިޔާ ސައެންސް ތަރައްގީކުރުމުގެ ރީސާޗްތައް އީރާނުން އަބަދުވެސް ކުރަމުންގެންދާނެ ކަމުގަ އެވެ.

އީރާނުން އަލަށް އީޖާދުކުރި ސެންޓްރިފިއުޖް މެޝިންތަކުން ޔުރޭނިޔަމް ފައްކާކުރެވޭ މިންވަރު ކުރީގެ މެޝިންތަކަށް ވުރެ 15 ގުނަ އަވަސްވާނެ ކަމަށާއި މިމެޝިންތައް ބޭނުންކުރަން ފެށުމުން ޔޫރޭނިޔަމް ފައްކާކުރުމުގެ ގާބިލްކަން އީރާނުގެ ކިބާގައި އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެ އެވެ. ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ފިސައިލް ސަބްސްޓެންސްތައް އުފެއްދޭ މިންވަރަށް ޔޫރޭނިޔަމް ޔޫރޭނިޔަމް ފައްކާކުރުމަށާއި ޑޮކްޓަރީ ބޭނުންތަކަށާއި ދަނޑުވެރިކަން ފަދަ މަދަނީ ކަންކަމަށް ބޭނުންކުރާ ނިއުކްލިޔާ އައިސޮޓޮޕްސް އުފެއްދުމަށް ބޭނުންވާ މިންވަރަށް ޔޫރޭނިޔަމް ފައްކާކުރަނީ ވެސް ސެންޓްރިފިއުޖް މެޝިންތަކުންނެވެ.

އެހެންކަމުން ޔޫރޭނިޔަމް ފައްކާކުރާ އަވަސްމިން 15 ގުނައަށް މަތިކުރެވޭވަރުގެ ސެންޓްރިފިއުޖް މެޝިންތައް އުފައްދައި އެތަކެތީގެ ބޭނުންކުރަން އީރާން ފެށުމަކީ އީރާނުން ބޭނުންވެއްޖެ ޙާލަތެއްގައި، ނިއުކްލިޔާ ހަތިޔާރު އުފައްދަން ބޭނުންވާ 80 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރަށް ފަސޭހަކާ އެކު ޔޫރޭނިޔަމް ފައްކާކުރުމުގެ ގާބިލްކަން އެގައުމަށް ލިބިގެންދާނެ ކަމެއްކަމަށް ވާތީ މިމެޝިންތަކާ ގުޅިގެން ހުޅަނގުގެ ބާރުތަކުގެ ކަންބޮޑުވުންތައް އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ސުލްޙަވެރި ޕްރޮގްރާމެއްކަން ސާބިތުކޮށް ދިނުމަށްޓަކައި އީރާނާއި ހުޅަނގުގެ ބާރުތަކާ ދެމެދު ދައްކަމުން ގެންދާ ވާހަކަތަކުގައި ހުޅަނގުގެ ބާރުތަކުން ގެންދަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލައި ހުޅަނގުން އީރާނަށް ފޯރުކޮށްދޭ 20 އިންސައްތަ އަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް އަށްބަރޯސާވެ އީރާނުގެ ނިއުކްލިޔާ އިންޖީނުގެތަކުން ކަރަންޓް އުފެއްދުމަށާއި މަދަނީ ކަންކަމަށް ބޭނުންކުރާ ނިއުކްލިޔާ އައިސޮޓޮޕްސް އުފެއްދުމަށްއޭގެ ބޭނުން ކުރުމަށް އީރާނަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

ނަމަވެސް ޔޫރޭނިޔަމް ފައްކާކުރުމަކީ ލިބިފައިވާ ހައްގަކަށް ވާތީ އެހައްގު ދޫކޮށްނުލުމަށް އީރާން ގަދަފައިވިއްދުމުން ހުޅަނގުގެ ބާރުތަކުން މިހާރު މަސައްކަތްކުރަމުން ގެންދަނީ އީރާނުން އަމިއްލައަށް އުފައްދާ ޔޫރޭނިޔަމްގެ ފެންވަރު 5 އިންސައްތައަށް ވުރެ މައްޗަށް ނުގެންދިޔުމަށް އީރާން ލައްވައި އެއްބަސް ކުރުވުމަށެވެ. އީރާން ގެންދަނީ މިކަމަށް ދެކޮޅުހަދައި 20 އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރާނެ ކަމަށް ބުނެ ހުޅަނގަށް ދޫދިނުމަށް ދެކޮޅު ހަދަމުންނެވެ.

މިދަނޑިވަޅުގައި ޔޫރޭނިޔަމް ފައްކާކުރާ ސެންޓްރިފިއުޖްގެ އެޑްވާންސް މެޝިންތަކެއް ތަޖްރިބާ ކުރުމުގެ މަސައްކަތް އީރާނުން ފެށުމަކީ މިކަމުގައި އެގައުމުން ހުޅަނގަށްދޭ ވަރުގަދަ މެސެޖެއް ކަމަށް މުރާސިލުން ބުނެއެވެ. އދ. ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށްގެންނާއި ހުޅަނގުގެ ގައުމުތަކުން ވަކިވަކިން ވެސް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އެގައުމުން ކުރިޔަށްގެން ދާތީ މިއީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް އެގައުމުން ކުރާ މަސައްކަތެއް ކަމަށް ތުހުމަތުކޮށްގެންނެވެ.

ނަމަވެސް އީރާނުން ވަނީ އެގައުމުން ޔޫރޭނިޔަމް ފައްކާކުރާ ސީލިންގްއަކީ 20 އިންސައްތަ ކަމަށް ކަނޑައަޅައި އެކަން ކުރިޔަށްދަނީ އެފެންވަރުގައިތޯ ބަލައި ފާސްކުރުމުގެ ފުރްސަތު އިންޓަނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ)ގެ އިނިސްޕެކްޓަރުންނަށް ދީފަ އެވެ. މިއާއެކު ވެސް ހުޅަނގުން ގެންދަނި އައިއޭއީއޭގެ އިނިސްޕެކްޓަރުންނަށް ސިއްރުން ޔޫރޭނިޔަމް ފައްކާކުރުމުގެ "ސިއްރު އެހެން ޕްރޮގްރާމެއް" ބިމުއަޑީގައި ކުރިޔަށް ގެންދާކަމުގެ ތުހުމަތު އީރާނުގެ މައްޗަށް ކުރަމުންނެވެ. ނަމަވެސް މިޕްރޮގްރާމް ކުރިޔަށްގެންދާ ކަމުގެ އެއްވެސް ހެއްކެތް ދަލީލެއް ހުޅަނގުގެ ގައުމުތަކަށް ދެއްކިފައެއްނުވެ އެވެ. (ރޮއިޓާސް)