އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ދެބައިވެ ވެރިކަން ނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވާ އިރު ރައްޔިތުންނަށްވީ ވައުދެއްގެ "ބައިކުޅަބައި" ވެސް ފުއްދާދެވިފައި ނުވާ ކަމަށް ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.

ގައުމީ ޕާޓީގެ ވެބްސައިޓުގައި މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނަނީ، މަގުހެދުމާއި އެއާރޕޯޓް އެޅުމާއި ނަރުދަމާ ނިޒާމް ގާއިމުކުރުމާ ބެހޭ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ވީ ވައުދުތައް ވެގެންދިޔައީ "ހުވަފެނީ" ވާހަކަ ތަކަކަށް ކަމަށެވެ.

"އެމްޑީޕީގެ ވެރިކަމުގައި ދެން ބާކީ އޮތީ ވަރަށް ކުރުމުއްދަތެކެވެ. ވައުދުފުއްދުމަށް އެރުވުނު 5 އަހަރު ދެބައިވެގެން ދަނީ އެވެ. ދައުރު ދެބައިވެގެން ދާއިރު ވައުދުވެވަޑައިގެންނެވި ދިހަ ހާސް ފުލެޓްގެ ތެރެއިން އެންމެ ފުލެޓެއް ހާހިސާބުން ވެސް ނިންމިފައެއްނެތެވެ. އަދި މިނޫން ވައުދެއްގެ ބައިކުޅަބައި ވެސް ފުއްދިފައެއްނެތެވެ." ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅަކާއި ރަށެއްގައި އެމްޑީޕީގެ ކައުންސިލަރުން ތިބެގެން "ހުސްވައުދުތައްވުން ފިޔަވައި ކުރެވުނު ކަމެއް ނެތް" ކަމަށް ވެސް ގައުމީ ޕާޓީން ބުންޏެވެ.

"އެމްޑީޕީ ކައުންސިލަރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިއްބަވައިގެން ހޭދަކުރެއްވި ދެ އަހަރު ވެގެން މިދިޔައީ ދޭދޭ ފަރުދުންގެ މެދުގައި އޮތް އެކުވެރިކަން ގެއްލި، ނާންމާންކަމާއި ނުތަނަވަސްކަން އާއްމުވި ދެ އަހަރަށެވެ. ވައުދު ފުއްދުމަށް މަސައްކަތް ނުކޮށް ވައުދުގެ ވާހަކަ ދެއްކި ހުސް ދެ އަހަރަށެވެ." އެ ބަޔާނުގައިވެ އެވެ.

މި ސަރުކާރަކީ ރައްޔިތުންގެ މަސްލަހަތަށް ވުރެ ވަކި ޕާޓީއެއްގެ އަދި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބަޔެއް ކަމަށާއި ވަކިބަޔަކު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ބަދަލުގައި މުޅި ގައުމުގެ މަސްލަހަތަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް ގައުމީ ޕާޓީން ބުންޏެވެ.

"ރައްޔިތުންނަށްވީ ވައުދުތަކުގެ ކުޑަމިންވަރެއް ވެސް ފުއްދައިނުދެވުނު ބަޔަކަށް (އެމްޑީޕީ) އަށް ލޯކަލް ކައުންސިލް އިންތިޚާބުގައި އިތުރު ފުރުސަތެއް ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން" އެ ބަޔާނުގައިވެ އެވެ.

ގައުމީ ޕާޓީގެ އެ ބަޔާނާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ހޯދުމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރަށް ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ ސަރުކާރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.