ލޯކަލް ގަވަމަންޓް އޮތޯރިޓީ އަށް ރައީސް އައްޔަން ކުރެއްވި ވަޒީރު، ހޯމް މިނިސްޓަރު ހަސަން އަފީފު އެކަނި ހުންނަވައިގެން ކަނޑައެޅުއްވި ޝަރުތުތަކަށް ބުރަވެ، ގާނޫނާ ހިލާފަށް އައްޑޫ ސިޓީ ކައުންސިލް އިންތިހާބު އިލެކްޝަންސް ކޮމިޝަނުން އަންނަ މަހު ފަހެއްގައި ބާއްވަން ނިންމާފައިވާ ކަމަށް ބުނެ، ކޯޓަށް ދާން ގައުމީ ޕާޓީން މަޝްވަރާ ކުރަމުންދާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އިމާދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިމާދު ސޯލިހު މިއަދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް މައްސަލާގައި ސިވިލް ކޯޓުން މި މަހުގެ ނުވަ ވަނަ ދުވަހު ކުރި ހުކުމްގައި ބުނާ، އައްޑޫ ސިޓީގެ ދަރަޖަ އިން ބާތިލު ނުކުތާގެ ޝަރުތުތައް ފުރިހަމަކޮށްފައިވާ ކަމަށް ބުނެ، އަނެއްކާ ވެސް އައްޑޫ ސިޓީ ކައުންސިލް ދަރަޖަ ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ އަށް ރައީސް އައްޔަން ކުރެއްވި ހަސަން އަފީފު އެކަނި ހުންނަވައިގެން ސިޓީގެ ޝަރުތުތައް ކަނޑަނޭޅޭނެ ކަމަށާއި އެ އުސޫލުތަކަށް ބުރަވެ، ގާނޫނާ ހިލާފަށް އައްޑޫގައި ސިޓީ ކައުންސިލްގެ އިންތިހާބު އިލެކްޝަންސް އިން ބާއްވާއިގެން ނުވާނެ ކަމަށް އިމާދު ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިވިލް ކޯޓްގެ ހުކުމުން ވެސް އިނގޭ ގޮތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް މެންބަރުން އައްޔަން ކުރެވޭނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ފަހު، ރަށު ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލްތަކުން ކަނޑައަޅާ މެންބަރުންނާއި ސިޓީ ކައުންސިލުން ކަނޑައަޅާ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވަޒީރަކާ އެކުގަ އެވެ. އެ ބޯޑުން ކަނޑައަޅާ ރައީސަކާއި ނައިބު ރައީސެއް ވެސް ހުންނަންވާނެ ކަމަށާއި މުޅި ބޯޑުގެ ނިންމުމުގެ މައްޗަށް ބުރަވެ، ސިޓީއެއްގެ ޝަރުތުތައް ކަނޑައެޅިދާނެ ކަމަށް އިމާދު ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް ސިވިލް ކޯޓްގެ ހުކުމަށް ބަލާލުމެއް ނެތި، ރައީސް ނިންމެވި އުސޫލާ އެއްގޮތަށް އިލެކްޝަންސް އަމަލު ކުރާނެ ކަމަށް މި މަހުގެ 13 ވަނަ ދުވަހު އިއުލާންކޮށްފައި ވުމުން އެ މައްސަލަ ގައުމީ ޕާޓީގެ ފަރާތުން ކޯޓަށް ވެއްދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނާ ހިލާފަށް ސަރުކާރުން ކަނޑައަޅާ އުސޫލުތަކަށް އިލެކްޝަންސް ކޮމިޝަން ތަބާވުމަކީ ގައުމީ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ ސީރިއަސް މައްސަލައެއް ކަމަށާއި އެ މައްސަލަ މަޖިލީހަށް ވައްދައި މަޖިލީހުގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޒިންމާދާރު ކުރެވެން އޮތް ގަތަކަށް ކަންތައް ކުރާނެ ކަމަށް އިމާދު ސޯލިހު ވިދާޅުވި އެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުންގެ މެންބަރުން ބޭއްވި ބައްދަލުވުމަކުން ނިންމާފައި ވަނީ އައްޑޫ ސިޓީ ކައުންސިލް ދެ ވަނަ ފަހަރަށް ރައީސް ނަޝީދު ކަނޑައަޅާފައި ވަނީ ސިވިލް ކޯޓްގެ ހުކުމާ އެއް ގޮތަށް ކަމަށެވެ. އަދި އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއްގެ އިންތިހާބެއް ފިޔަވައި އެހެން އިންތިހާބެއް ގާނޫނުގައިވާ ގޮތަށް ބޭއްވެން ނެތް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުންކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެ އެވެ.