ކްލަބް ތަކަށް ޕްރެކްޓިސް ކުރުމަށްޓައި އެފްއޭއެމުން ދަނޑުތައް ދޫކުރާ ގަޑިތަކާމެދު ވިކްޓަރީގެ ކޯޗު މުޙައްމަދު އާތިފު (އާތީ) ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު މަހިބަދޫ ސްޕޯޓްސް ކުލަބާ ވާދަކޮށް 2-1 ލަނޑުން ވިކްޓަރީ މޮޅުވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އާތީ ބުނީ، އޭނާގެ ޓީމު މޮޅުވި ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މިއަދުގެ މެޗުގައި ބޭނުންވާ ވަރުގެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ކަމަށެވެ.

"މީގަ އެބަ ދިމާވޭ ބައިވަރު ކަންތައްތަކެއް. މިސާލަކަށް ބުނަންޏާ، ހަވީރު މިއޮތީ މެޗެއް. އިންތިހާއަށް ހޫނުގަދަ ދުވަސްކޮޅެއް. ޕްރެކްޓިސް ކުރަން މިޖެހެނީ، ރޭގަނޑު ނުވައެއް ޖަހާއިރު. މިކަހަލަ ކަންތައްތަކަށް ބަލާއިރު ރޭގަނޑު ކުޅޭ ދެޓީމަށް އަދި ދުވާލުކުޅޭ ދެޓީމަށް ވެސް ހަމަ ދަނޑު ދެވޭނެ،" ޕްރެކްޓިސް ކުރަން ދަނޑު ލިބޭ ވަގުތުތަކުގެ ސަބަބުން މެޗަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކުރަމުން އާތީ ބުންޏެވެ.

އާތީ ބުނީ، ޕްރެކްޓިސް ކުރާން ލިބޭ ވަގުތާއި މެޗު ކުޅޭ ވަގުތާ ދިމާ ނުވުމުން ކުޅުންތެރިންގެ ފިޓްނަހަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމަށެވެ.

"މިހަފްތާތެރޭގައި ޕްރެކްޓިސް ކުރި ހުރިހާ ދުވަހެއްގައި ވެސް، ނުވައެއް ޖަހާއިރު ޕްރެކްޓިސް ކޮށްފައި ހެނދުނު ހަތަރެއް ޖަހާއިރު މި އަންނަނީ މެޗަށް. އެހެންވީމާ މިހުންނަ ކަންތައްތަކަކީ ވެސް ޓީމަށް އިފެކްޓް ކުރާނެ ކަންނޭނގެ. ވަރުބަލިވުމާއި އަދި ހަމަ ޓަޔަޑްނަސް އައުމާއި ދެން އެއީވެސް މިއަދު ދިމާވި ކަމެއް،" ވިކްޓަރީގެ ކޯޗު ބުންޏެވެ.

މެޗުތައް ކުޅޭ ގަޑިތައް، ފަރިތަކުރުންތައް ވެސް ކުރިއަށް ގެންދާ މާހައުލާ ގުޅޭ ގޮތަކަށް އިންތިޒާމް ކުރުން މުހިއްމު ކަމަށް ބުނެ ވިކްޓަރީގެ ކޯޗު ކަންބޮޑުން ފާޅުކޮށްފައިވާއިރު އެފްއޭއެމްގެ އޮފިޝަލަކު 'ސަން'އަށް މިރޭ ވިދާޅުވީ، ޕްރެކްޓިސް ޝެޑިއުލް ރާވާފައި ވާނީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށެވެ.

"އަޅުގަނޑުމެން ޕްރެކްޓިސް ކުރަން ދަނޑުތައް ދޫކުރަނީ، ފަސްޓް ޑިވިޝަންގެ ޓީމުތަކަށް ވަރަށް ބޮޑު އިސްކަމެއް ދީގެން. އެހެން ކަމުން ވިކްޓަރީއަށް ވެސް އަދި އެހެނިހެން ކްލަބްތަކަށް ވެސް ވަރަށް ހަމަހަމަކޮށް އެކަންތައް ކުރިއަށްދަނީ،" ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މިއަދު މަހިބަދޫ އަތުން ލިބުނު މޮޅާއެކު ވިކްޓަރީއަށް ވަނީ މިސީޒަންގެ ދިވެހި ލީގުގެ ގަދަ ހައެއްގެ ޖާގައެއް ކަށަވަރުވެފަ އެވެ.